ވަޒީފާގެ މާހައުލުގައި މީހުން ފައިސާ ބެހިޔަސް، އެ ފައިސާ ނުޖެހުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމުން ދަސްވެނިވުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ދިވެހި ރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ 100 ޕަސެންޓުގެ ރައްކާތެރިކަން ކަމަށެވެ. ފުލުހުންގެ މަސައްކަތުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި މަސައްކަތް ކުރަމުންދާއިރުގައި، މިއީ ނުރައްކާތެރިކަމާއެކުގައި ކުރިމަތިލާންޖެހޭ މާހައުލަކަށް ވާއިރުގައި، ހަމަ އެއާ އެއްވަރަކަށް މި މާހައުލުގައި ކޮރަޕްޝަން އެބައޮތް. މީހުން ފާއިސާ ބަހާނެ، ފައިސާ ދިއްކުރާނެ، މީހުން މަގާމުގެ ކުރިއެރުމަށް ޕްރޮމިސްކުރާނެ، މީހުން އުފާވެރި ދިރިއުޅުންތަކާއި ދަތުރުތަކަށް ޕްރޮމިސްކުރާނެ. އެހެން ނަމަވެސް ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތި ތިބި ސާބިތުކަން ދުއްވާލައިގެން ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ކޮރަޕްޝަނަށް އޮންނަންވާނީ ޒީރޯ ޓޮލެރެންސް ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނަށް ނޫނެކޭ ބުނެ މަސައްކަތްކޮށްފި ނަމަ، ރާއްޖޭގެ ރައްޔިތުން އެދޭ ފަދަ ރާއްޖެއެއް ގާއިމުވާނެ ކަމަށެވެ.

"ހާއްސަ މިޝަން ސެޓެއް ސިޔާސަތުގެ ތެރޭގައި އެބަ ހިމެނޭ. ޑްރަގްގެ ވަބާ އެއްކޮށް ނައްތާލުން، ގޭންގް ހަދައިގެން ކުށްކުރާ ގްރޫޕްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް މުޖުތަމައު ސަލާމަތްކުރުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުން، ކުށުގެ މާހައުލުން ކުޑަކުދިން ސަލާމަތްކުރުން." މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަސާސީ ތަމްރީން ފުރިހަމަ ނުކޮށް ތިބި 1000 އަށްވުރެ ގިނަ ފުލުހުން އެ މުއައްސަސާގައި ތިބި ކަމަށެވެ. އަދި މިހާތަނަށް 967 ފުލުހުން ތަމްރީން ފުރިހަމަކޮށްފައިވާ އިރު، އަންނަ ޖެނުއަރީގައި ފަށާ ބެޗުގައި ބާކީ ތިބި ފުލުހުން ބައިވެރިވާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މިފަހަރުގެ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުން 185 ދަރިވަރަކު ވަނީ އެ ކޯސް ފުރިހަމަކޮަށްފައެވެ.