ތައިލެންޑާއި ކެމްބޯޑިޔާއަކީ ދެކުނުއިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ދެ ގައުމެވެ. ގާތްގަޑަކަށް 800 ކިލޯމީޓަރުގެ ދިގު އިމެއް ދެގައުމުން ހިއްސާކުރެއެވެ. މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ތައިލެންޑާއި ކެމްބޯޑިޔާ ވަނީ ހަނގުރާމައެއް ކޮށްފައެވެ. ގާތްގަނޑަކަށް ހަފުތާއަކަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓައިލީ މެލޭޝިޔާއާއި އެމެރިކާއިން އެ ދެމެދަށް ވަދެ ހޯހޯގޮވައި ސުލްހައިގެ އަހުދުނާމާއެއް ގާއިމުކޮށްދީގެންނެވެ. ހަނގުރާމަ ހުއްޓާލައިގެން ތިބޭތާ ހަތަރުމަސް ފަހުން ހުސްވި ހަފުތާ ތެރޭގައި އަނެއްކާވެސް މި ދެގައުމުގެ މެދުގައި ހަނގުރާމަ ފަށަައިފިއެވެ. މި ހިސާބުން އުފެދޭ ސުވާލަކީ ތައިލެންޑާއި ކެމްބޯޑިޔާގެ އަރައިރުންތަކުގެ އަސްލަކީ ކޮބައިތޯއެެވެ. މި ދެގައުމުގެ މެދުގައި ސަރަހައްދީ އިމުގެ މައްސަލައިގައި ވަރަށް ދުވަސްވީ އަރައިރުންތަކެއް އުފެދިފައިވެއެވެ. މި އަރައިރުންތައް ހޫނުވެ ދޭތެރެ ދޭތެރެއިން ހަމަލާތައްވެސް ބަދަލުކުރެވެއެވެ. މައިގަޑުގޮތެއްގައި ނުތަނަވަސްކަން އުފެދިފައިވަނީ ދެގައުމުގެ އިމުގައިވާ އާސާރީ ބައެއް ފައްޅިތަކުގެ މިލްކުވެރިކަމާ ހެދިއެވެ.

މި ދެންނެވި އިމަކީ ކެމްބޯޑިޔާގެ މައްޗަށް ފަރަންސޭސި އިސްތިއުމާރީ ވެރިކަން ހިންގި ދުވަސްވަރު 1907 ގައި ފަރަންސޭސިން ދަމާލާފައިވާ ރޮނގެކެވެ. ގާއިމުކުރި ބޯޑަރެކެވެ. އެކަމަކު މިއީ ދެބައިމީހުން ދެގޮތަށް މާނަކުރާ ބޯޑަރެކެވެ. މިފަހުގެ ތާރީޚުގައި ހިގާފައިވާ ހަނގުރާމަތަކުގެ ތެރެއިން އެންމެ ސީރިއަސް ހަގުރާމަތަކަކީ 2008 ވަނަ އަހަރާއި 2011 ވަނަ އަހަރު އަދި ކުރިއަށްމިދާ 2025 ވަނަ އަހަރުގެ ޖުލައިމަހާއި ޑިސެމްބަރުމަހު ހިނގާފައިވާ ހަނގުރާމަތަކެވެ. މިއިން ކޮންމެ ހަނގުރާމައެއް ފެށިފައިއޮތީ ބޯޑަރު މައްސަލައިގައެވެ. ކޮންމެ ކުރިމަތިލުމަކާ ވިދިގެން ކޮންމެ ގައުމެއްގައިވެސް އަނެއްބަޔަކާ ދެކޮޅަށް ގައުމިއްޔަތުގެ ވަރަށް ވަރުގަދަ އޮއިވަރެއް އުފެދިގެންދެއެވެ. އެހެންވީމާ ކޮންމެ ގައުމެއްގެ ސަރުކާރަށްވެސް މަޖުބޫރުވަނީ ރައްޔިތުންގެ ތާއީދު ދެމެހެއްޓުމަށްޓަކައި ބާރު ދެއްކުމަށެވެ. ގަދަކަން ދެއްކުމަށެވެ. މި ކުރިމަތިލުންތަކުގައި އާއްމުކޮށް ބޭނުން ކުރެވެނީ ލޭންޑް މައިނާއި ބޮޑުބަޑިއެވެ.

މިހާރު ކުޑަކޮށް ތަފާތުވެެއްޖެއެވެ. މިއަހަރު ތައިލެންޑުން ވަނީ ފުރަތަމަ ފަހަރަށް ހަނގުރާމަމަތީ ޖެޓާއި ޑްރޯންވެސް ބޭނުންކުރަން ފަށައިފައެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އަރައިރުންތަކުގެ އަސްލަކީ 1907 ގައި ފަރަންސޭސި މުސްތައުމިރުން ކުރަހައިލި ބޯޑަރެވެ. މި ބޯޑަރަކީ ކުރީގައިވެސް އަދި މިހާރުވެސް ދެގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބަލައިގަންނަ އަދި އެއްބަސްވާ ބޯޑަރެއް ނޫނެވެ. އެހެންވީމާ ދޭތެރެ ދޭތެރެއިން ހުޅުގަޑު ފަޅައިގެންދަނީއެވެ. ކެމްބޯޑިޔާ ކުރިންއޮތީ ފަރަންސޭސީންގެ ވެރިކަމުގެ ދަށުގައެވެ. މިނިވަންކަން ލިބުނީ 1953 ގައެވެ. ތައިލެންޑަކީ ހުޅަގުގެ އިސްތިއުމާރީ ވެރިކަމެއް ހިނގި ތަނެއް ނޫނެވެ. އެގައުމަށް ކުރިން ކިޔަނީ ސިއާމެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެެއިން އަޅުވެތިކަމެއްގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ގައުމަކީ ތައިލެންޑެވެ. ނުވަތަ ސިއާމެވެ. ދެ ގައުމުގެ ބޯޑަރު 1907 ގައި ފަރަންސޭސިން ދަމައިލީ އިހުޒަމާނުގެ ކެމޭ ރަސްކަން ގާއިމުވެފައިއޮތް ސަރަހައްދުގެ ތެރެއިންނެވެ. މިދެންނެވި ކެމޭ ރަސްކަމާއި އެރަސްކަމުގެ ތަރިކަޔަކީ ކެމްބޯޑިއާގެ ގައުމިއްޔަތުގެ ރަމްޒެކެވެ.

ކެމޭ ރަސްކަމުގެ ދުވަސްވަރު ގާއިމު ކުރެވިފައިވާ ބުދުދީނުގެ ފައްޅިތައް ވަރަށް ގިނައެވެ. އޭގެތެރެއިން ދެ ތަނަކަށް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދަރަޖަ ލިބިފައިވެއެވެ. އެއީ އަންގްކޯ ފައްޅިޔާއި ޕްރިވީރު ފައްޅިއެވެ. މި ދެ ފައްޅިވެސް ހުންނަނީ ކުރިން ބަޔާންކުރެވުނު އިމަށް ރިއާޔަތް ކުރާއިރު ކެމްބޯޑިއާގެ ތެރޭގައެވެ. އެކަމަކު ތައިލެންޑުން އެކަމެއް ގަބޫލެއް ނުކުރެއެވެ. ޚާއްސަކޮށް ޕްރިވީރުގެ މިލްކުވެރިކަން ގަބޫލެއް ނުކުރެއެވެ. ކެމްބޯޑިޔާއަށް މިނިވަންކަން ލިބުމާއެކުހެން ތައިލެންޑުން ޕްރވީރު ހިފައިގެން އަހަރުތަކަކަށް އުޅުނެވެ. ކެމްބޯޑިޔާއިން ދުނިޔޭގެ ކޯޓު ނުވަތަ އައިސީޖޭއަށް މައްސަލަ ހުށައެޅުމުން 1962 ގައި އެ ކޯޓުންވަނީ ކެމްބޯޑިޔާއާ އެއްކޮޅަށް ހުކުމެއް ނެރެފައެވެ. މި ދެންނެވި ޕްރިވީރު ފައްޅީގެ މިލްކުވެރިކަން ކެމްބޯޑިޔާއަށް ލިބުނު ނަމަވެސް އެފައްޅީގެ ވަށައިގެންވާ އޭރިޔާގެ މިލްލުވެރިކަމުގެ އަރައިރުންތަކަށް ދެންވެސް ނިމުމެއް ނާދެއެވެ. އަރައިރުންތައް ދިޔައީ ކުރިއަށެވެ.

އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާ ހިސާބަށް ދިޔައީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ޕްރިވީރު ހިމެނުމަށް ކެމްބޯޑިޔާއިން ކުރި ކެމްޕޭނު ކާމިޔާބުވެ އެ ލިސްޓުގައި 2008 ވަނަ އަހަރު ޕްރިވީރު ހިމެނުމުންނެވެ. މިއީ ތައިލެންޑުން ދެކޮޅު ކަމެކެވެ. މި އަރައިރުންތަކަށް ގާނޫނީ ހައްލެއް ހޯދުމަށްޓަކައި ކެމްބޯޑިއާއިން އަނެއްކާވެސް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށައަޅައިގެން އަނެއްކާވެސް 2013 ވަނަ އަހަރު އައިސީޖޭން ވަނީ ކެމްބޯޑިޔާއާ އެއްކޮޅަށް ހުކުމް ނެރެފައެވެ. ޕްރިވީރާއި އެ ފައްޅީގެ ވަށައިގެންވާ އޭރިޔާ ނިސްބަތްވަނީ ކެމްބޯޑިޔާއަށް ކަމަށް ވަނީ ހުކުމްކޮށްފައެވެ. އެކަމަކު މި ނިންމުން ތައިލެންޑުން ބަލައެއް ނުގަނެއެވެ. އަދި މިފަދަ ނިންމުމެއް އައިސީޖޭއަށް ނިންމިދާނެ ކަމަކަށްވެސް ގަބޫލެއް ނުކުރެއެވެ. އަރައިރުންތަކުގެ އަސްލު މިދެންނެވި ފައްޅީގެ މިލްކުވެރިކަމާ ގުޅިފައިވިޔަސް އެއީ ދެބަސްވުން އުފެދިފައިވާ ހަމައެކަނި އޭރިޔާއެއް ނޫނެވެ.

އެމަރަލްޑް ޓްރޭންގަލޭ ކިޔުނު އޭރިޔާއަކީވެސް ދެބަސްވުން އުފެދިފައިވާ އޭރިޔާއެކެވެ. މިއަހަރުގެ ތެރޭގައި މިދެންނެވި ޓްރޭންގަލްގައިވެސް ދެގައުމުގެ ސިފައިންވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ދެ ގައުމުގެ މެދުގައި މިއަހަރު ހަނގުރާމަ ފެށުމުގެ ސަބަބުތަކަށް ބެލީމާ ފެންނަނީ ކެމްބޯޑިއާގެ ސިފައިން ކުރިން ދެންނެވި ދެ އޭރިޔާގައި ލޭންޑް މައިން ވަޅުލައިގެން އެތަކެތީގައި ޖެހި ތައިލެންޑުގެ ސިފައިންގެ ބަޔަކު މަރުވުމުގެ ހާދިސާތަކެވެ. ތައިލެންޑުން ގަބޫލުކުރާ ގޮތުގައި ތައިލެންޑުގެ ތެރޭގައި ކެމްބޯޑިޔާއިން މައިން ވަޅުލަނީއެވެ. ކޮންމެއަކަސް ކެމްބޯޑިޔާއަކީ ތައިލެންޑަށްވުރެ ސައިޒުގެ ގޮތުންނާއި އާބާދީގެ ގޮތުން ކުޑަ ގައުމެކެވެ. ތައިލެންޑަށްވުރެ ފަގީރު ގައުމެކެވެ. ތަނަވަސްކަމާއި އާރާއިބާރު ހުރީ ތައިލެންޑުގައެވެ. އެހެންވީމާ ކެމްބޯޑިޔާއަށް ފިލާވަޅެއްދޭން ތައިލެންޑުން ބޭނުންވަނީއެވެ. ކެމްބޯޑިޔާއަކު ނޭވީއަކާއި ވަރުގަދަ އެއަރފޯހެއް ނެތެވެ. ތައިލެންޑުގައި އެބަހުއްޓެވެ. އެހެންވީމާ ދުނިޔޭގެ ކޯޓަށް ގޮސްގެން ނުލިބުނު "އިންސާފު" މުލައްދަނޑީގެ ބާރުގައި ހޯދުމަށް ތައިލެންޑުން އިސްކަންދެނީ ކަމަށް ފެނެއެވެ.