އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވައި ނުސާފުވެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާ އިރު، ދިއްލީ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.
ދިއްލީގެ ވައި ނުސާފުވުމުގެ ސަބަބުން އިއްޔެ އިން ފެށިގެން އެ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން ވަނީ މަނާކޮށްފައެވެ. އަދި ސްކޫލު ތައް ބަންދުކޮށް އޮންލައިންކޮށް ކިޔެވުމަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ވަނީ އިއްޔެގެ ނިޔަލަށް ދިއްލީގެ އެއާ ކޮލެޓީ އިންޑެކްސް ހުރީ 498 ގައި ކަމަށާއި އެއީ ނުރައްކާތެރި މިންވަރެއް ކަމަށް ބުނެފައެވެ.
ތިރީސް މިލިއަނެއްހާ މީހުން ދިރިއުޅޭ ދިއްލީގައި ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވާނެ ކަމަށް ވުމާއެކު އޮފިޝަލުން ވަނީ އާންމުން ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އަންގައިފައެވެ.
ދިއްލީގެ އޮފިޝަލުން ވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ސިއްހީ މައްސަލަ ހުންނަ ފަރާތްތަކުން ބޭރަށް ނުނިކުތުމަށް އެދިފައެވެ.
ދިއްލީގެ ވައި ނުސާފުވުމުގެ އިތުރުން އެ ސިޓީގެ ދުރު ފެންނަ ނިސްބަތް ދަށްވުމުގެ ސަބަބުން ދިއްލީ ހިމެނޭ ސަރަހައްދުތަކުގައި ވައިގެ ދަތުރުފަތުރަށް ވެސް ބުރޫ އަރާފައިވާ ކަަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ