ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާއެކު ބޮޑުކަންނެލީގެ މަސްވެރިން ބޭއްވި ދިގު ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް ބޮޑުކަންނެލި ޔޫނިއަން އޮފް މޯލްޑިވްސް (ބީކޭއެމްޔޫ) އިން ބުނެފިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމްއާއެކު ބޭއްވި ބައްދަލުވުން ފެށީ މިއަދު ހެނދުނު 11:00 ގަައެވެ. ފިޝަރީޒް މިނިސްޓްރީގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުން 1:40 ހާއިރު މެދުކަނޑާލުމަށްފަހު، ބްރޭކަކަށްފަހު އަލުން ބައްދަލުވުން ގަޑިއެއްހާއިރަށް ކުރިއަށްގެންދިޔައެވެ.
އެ ބައްދަލުވުމަށްފަހު ބީކޭއެމްޔޫގެ ނައިބު ރައީސް އިމްރާން މުހައްމަދު، "ރާއްޖެޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިން ކުރަމުންދާ މަސައްކަތަކީ 2020 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށާއި މިދިޔަ ސަރުކާރުން އަދި މި ސަރުކާރުން ވެސް މިހާތަނަށް ހައްލެއް ހޯދިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން މި ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމެއް، އަޅުގަނޑުމެންގެ ބައްދަލުވުންވެސް ވަރަށް ކާމިޔާބު. އަޅުގަނޑުމެންނަށް އެއްބަސްވެވޭ އަދި އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކުގެ ތެރެއިން މިވަގުތުން މިވަގުތަށް ހައްލު ކުރެވެން ހުރި ކަންތައްތަކާއި އަދި ކުރިއަށް އޮތްތާނގައި ހައްލުކުރަން ހުރި ކަންތައްތައް އެބަހުރި ވަރަށް ބައިވަރު. އެހެންވީމަ އެ ހުރިހާ ކަންތައްތަކަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު މި އުންމީދުކުރަނީ،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުރިހާ ކަމެއް ހުށަހެޅުމުގެ ފުރުސަތު ބައްދަލުވުމުގައި ލިބިގެންދިޔަ ކަމަށާއި ކުއްލިގޮތަކަށް މިނިސްޓަރު ބައްދަލުވުން ނިންމަވައިލެއްވީ ވެސް އެކަމާ ގުޅޭ ނިންމެވުމަށް ނިންމެވުމަށް ކަމަށް ބެލެވޭ ކަމަށެވެ.
މި ހުރިހާ ކަމަކަށް މަޝްވަރާކުރަން ވަރަށް ގިނަ ވަގުތުތަކެއް ނަގައިގެން ދިޔައީ. ދެން އަޅުގަނޑުމެން މިހާރު މި މިއަދު މިވަގުތަށް މި މީޓިންތައް ނިންމާލީ ހަގީގަތުގަވެސް މިއަށް އަވަސް ހައްލުތަކެއް ގެނެވުމަށްޓަކާ ކަންނޭނގެ. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލަފާކުރެވެނީ ހަމަ މީގައި އަޅުގަނޑުމެންގެ ހުރި އެންމެ މުހިންމު، އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ހޯދަދިނުމަށްޓަކައި ބައްދަލުވުމަކަށް މިނިސްޓަރު ވަޑައިގެންނެވީ ކަމަށް،" އޭނާ ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު ހުއްޓާނުލާނެ ކަމަށާއި އިހުތިޖާޖު ނިންމާނީ ހުށަހަޅާފައިވާ ކަންތައްތައް ހައްލުވުމުން ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބީކޭއެމްޔޫ އިން ބުނީ މިފްކޯއަށް ބޮޑުކަންނެލީ މަސްވެރިންގެ މަސް ގަތުމާއި، ބައްދަލުވުމުގައި ހުށަހަޅާފައިވާ ކަންތައްތަކަށް ދެ ހަފުތާގެ ތެރޭގައި ޖަވާބެއް ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބޮޑުކަންނެލީގެ މަސްވެރިކަމަކީ، މަސްވެރިކަމުގެ ސިނާއަތް ކުރިއަށްގެންދިއުމުގައި މުހިންމު ކަމެއް ދޭ ދާއިރާއެއް ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އެ މަސްވެރިންނަށް އެނގޭނެ ކަމަށެވެ.
"މިފްކޯއިން ބޮޑުކަންނެލި ގަތުމަށްޓަކައި މަޝްވަރާ ބާއްވައި ތައްޔާރުތައްވުމުން ދަނީ. އެއީ އަޅުގަނޑުމެން ވީ އެއް ވައުދު. އެ ވައުދު ފުއްދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރޭ. ހުޅުމާލޭގެ ފެސިލިޓީއެއް ގާއިމުކުރުމަށް ފެށި މަސައްކަތް. ދެން އޭގެ އިތުރަށް ކަނޑުއޮތްގިރީގެ ފެސިލިޓީ ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ފަށައިގެން އުޅޭ މަސައްކަތް، މިކަންކަން ކުރިއަށްދާނެ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ އޭގެ އިތުރަށްވެސް ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށާއި ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަމަލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
"މިހާރު މި ގޮސްފައިވާ ހިސާބުން އަޅުގަނޑުމެންނަށް މާ ލަސްތަކެއް ނުވެ އަޅުގަނޑުމެންނަށް މިކަން ހާސިލުވާނެ. އެހެންވީމަ އެއީ އެންމެ ބޮޑަށް އަޅުގަނޑުމެން ސަމާލުކަންދޭ ކަމަކީ، މި ދާއިރާއިން ބޮޑުކަންނެލީ މަސްވެރިކަމުގެ ތެރެއިން އަޅުގަނޑުމެން ކުރާ ކަންތައްތަކުގެ ތެރެއިން،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުން ބޮޑުކަންނެލި ގަންނަން ފެށުމުން، ޕްރައިވެޓް ސެކްޓާއިން މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް