ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ފަރުކޮޅުފުށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
"ސޭފާ ހުޅުމާލެ"ގެ ނަމުގައި ބޭއްވި އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފްތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އެ ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނީފޯމާއި އަދި ލޯގޯ ތައާރަފުކުރިއެވެ.
އެޗްޑީސީން ބުނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެ ކަމަށާއި އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފުކުރުމުގެ ސަބަބުން ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް އެ މަސައްކަތްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެ ކަމަށެވެ. މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ދެކެއެވެ.
އެޗްޑީސީން މަސައްކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އަދި އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އެޗްޑީސީން ދެއެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ