ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ސަލާހުއްދީން ސްކޫލުގައި 8:30 ގައި ކަމަށެވެ.

"ވީމާ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ" ހީނާ ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެކަން އިއުލާންކުރައްވައިފައެވެ.

އެގޮތުގެ މަތީން ރައީސް ވަނީ މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ރައީސް ވިދާޅުވެފައިވަނީ މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށާއި މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހީންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފޭހުގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ފުރަތަަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ވަނީ ހުރިހާ ކައުންސިލަކާއި ޑަބްލިޔުޑީސީތަކާ ވެސް ބައްދަލުކުރައްވައިފައެވެ.