އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން މިހާތަނަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމުލަ އަދަދު 1.6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޝާމިލް ވިދާޅުވީ، 24 ސެޕްޓެމްބަރު 2008 ގައި އެ ކޮމިޝަންގެ ގާނޫނު ތަސްދީގު ކުރެވި، މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިގާލީ އެންޓި ކޮރަޕްޝަން ކޮމިޝަން 16 އޮކްޓޯބަރު 2008 ގައި އުފެދިގެންދިޔަ ކަމަށާއި 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން ޖުމުލަ 564 މިލިއަން ރުފިޔާ ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އެއީ 17 އަހަރަށް ބަލައިލުމުން އަހަރަކަށް 33.1 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް، އޭސީސީގެ ތަހުގީގުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1.6 ބިލިއަން ރުފިޔާއަށްވުރެ ގިނައިން އަނބުރާ ހޯދަންޖެހޭ ކަމަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމުލަ އަދަދު 17 އަހަރަށް ބަހާލާނަމަ، އަހަރަކަށް 94 މިލިއަން ރުފިޔާ އަދި މަހަކަށް 7.8 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާކަން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.

ޝާމިލް ވިދާޅުވީ އެ ތަފާސްހިސާބުން ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ހަރަދުކޮށްފައިވާ ކޮންމެ ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވާކަން ފާހަގަވާނެ ކަމަށެވެ.