ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި ފިހިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާދެމުންދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަން ނިންމައިފިއެވެ.
ސްޓެލްކޯ މީޑިއާއިން މިއަދު "ވަން" އަށް ބުނީ ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯގެ މުވައްޒަފު މިއަދު ނުވަތަ މާދަމާ ރާއްޖެ ގެންނާނެ ކަމަށެވެ.
ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ. ސްޓެލްކޯއިން އެކަން ކަށަވަރުކޮށްދިނީ މިމަހުގެ 11 ގައެވެ.
މިދިޔަ މަހުގެ 27 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ސްޓެލްކޯގެ ފިހުނު މުވައްޒަފަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭއިންވެސް ފަރުވާ ދީފައިވެއެވެ.
އޭނާއަށް އިތުރު ފަރުވާދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.
އެ ދުވަހު ސްޓެލްކޯއިން ނެރުުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ މުވައްޒަފުގެ ހާލަތު ސްޓެލްކޯއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ފިހުނު މުވައްޒަފަށް ފޯރުކޮށްދެވެން ހުރި ހުރިހާ އެހީއެއް އޭނާގެ އާއިލާއާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ކުރިޔަށްގެންދާ ކަމަށް ވެސް ބުނެފައިވެއެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މި ކުންފުނިން މިހާރު މިދަނީ ކުރަމުން. އަދި ހަމަ މިއާއެކު މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުންވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއްވެސް މި ކުންފުނިން މިދަނީ ދެމުން." ސްޓެލްކޯއިން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ