ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ ގޮނޑި ހުސްވީ އެ ކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު މިދިޔަ ހަފްތާގެ ތެރޭގައި ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެނެވެ.
ހައިކޯޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ހުސްވެފައިވާ މި މަގާމުތަކަށް ޝަރުތުހަމަވާ މީހުން، މި މަހުގެ 21ގެ ކުރިން އެ ކޯޓަށް ހުށަހެޅުމަށް އެދިފައެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާއެވެ. ލިވިން އެލަވެންސްގެ ގޮތުގައި މަހަކު 18000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވާނެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރުވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުންވެސް ހިމެނެއެވެ.
އަލީ ޔާމިން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު