ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ހއ. ކެލާގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.

އިހަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށާފައިވާ އިރު، ހއ. އަތޮޅުން ދިއްްދޫގައި ވެސް އެ ހިދުމަތް ދެމުންދެއެވެ. އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ހއ. ދިއްދޫގައި ފެށީ މިއަހަރުގެ ޖެނުއަރީ 28 ގައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ނޮވެމްބަރު 16 ގައެވެ.

ރައީސްގެ އެ ވައުދުފުޅު ފުއްދަވައި، އެ މަސައްކަތް ގާއިމުކޮށް ނިމުން ފާހަގަކޮށްފައިވަނީ، އދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގައި މިއަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ.

އެގޮތުން މިހާރު ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުގައި ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދެމުންދެއެވެ.