ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިކަމުގެ ސިނާއަތަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ސީދާ މަސްވެރިންނާ ގާތުން ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އެކަމަށް ކުރެވޭ މަސައްކަތްތަކުގައި އަޅުގަނޑުމެންގެ ތެރޭގައި މި ގައުމީ ވިސްނުމާ ދެކޮޅު މީގެ ތެރޭގައި ސިޔާސީ އޮއިވަރު ވައްދައިގެން ކަންކަން ކުރަންވެގެން އުޅުމާއި މަސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކުން ޖާގަ ނުދެއްވުމަކީ އަޅުގަނޑު ހިތުން އެންމެ ރަނގަޅު ގޮތަކީ. އެގޮތަށް އެކަން ވެގެން ދިޔައީމާ އެކަމުން މި ސިނާއަތަށްވާ ފައިދާއެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ ވަރަށް ދެފުށް ފެންނަ ގޮތަށް ކަމަށާއި ސަރުކާރުން ކުރާ ކަންކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި ބޮޑުކަންނެލީގެ މަސައްކަތް ކުރާ ފަރާތްތަކަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުއްދިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މީގައި އެނޫން ގޮތަކަށް މި ސަރުކާރުގެ ތެރޭގައި ސިޔާސަތެއް ނެތް. އެހެންވީމަ އެއްވެސް ފަރާތަކުން ދައްކާ ވާހަކައެއް އެއީ ހަގީގަތެއްތޯ ނުބައްލަވާ ސިޔާސީ ފަރާތްތަކުގެ އެކިކަހަލަ ސިޔާސީ އޮއިވަރުގައި ނުޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވެފައިވާ އިރު، މިފްކޯއަށް މަސް ގަތުމަށް ގޮވާލައި ކަނޑުމަތީގައި ބޮޑުކަންނެލީގެ މަސްވެރިން ވަނީ ދާދި ފަހުން އިހުތިޖާޖެއް ކޮށްފައެވެ.