މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވަރެޖުކޮށް 51 ލާރި އަގުހެޔޮވެގެންދާނެ ކަމަށާއި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވަރެޖުކޮށްކޮށް 71 ލާރި އަގުހެޔޮވެގެންދާނެ ކަމަށެވެ.
"މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަންތަކުން މިފްކޯއިން ދޫކުރާ ހުރިހާ ތެލަކުން 13 ރުފިޔާ 90 ލާރިއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކާނެ، ތެޔޮ ދޫކުރާނެ. އަދި ތިން ޓަނަށްވުރެ ގިނައިން މިފްކޯއަށް މަސްކިރާނަމަ 13 ރުފިޔާ 72 ލާރިއަށް ވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެކުނުގެ މަސްވެރިންނަށް ބަލާ އިރުގައި އެ ފަރާތްތަކުން އެވަރެޖުކޮށް ދުވާލަކު 2000 ލީޓަރު ތެލަށް ހަރަދުކުރާ ކަމަށާއި އެ ބަދަލާއެކު އެވަރެޖުކޮށް ގާތްގަނޑަކަށް 1000 އެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. އެހެންކަމުން އެއީ އަތޮޅުތެރެއިން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތަށް ހެދުމުގެ އިތުރަށް ލިބޭނެ ފައިދާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކަނޑައަޅާފައިވާ ހުރިހާ އަތޮޅަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަނެވޭނެ ގޮތަށް ޝެޑްތައް ގާއިމުކުރުމުގެ މަސައްކަތް އަންނަ މާޗް މަހަށް ނިންމައިލެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު