ދޮށީގެ މަސްވެރިކަމުން ބާނާ މަސް ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ނެރޭ ގައުމަކަށް ރާއްޖެވާއިރު، އެ ބާޒާރުގެ އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް އޮންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން އެންމެ ސާފު ރީތި މަސްވެރިކަމެއް ކުރަމުން އަންނަނީ ރާއްޖޭގައި ކަމަށެވެ.

"ޕޯލް އެންޑް ލައިން މަސްވެރިކަން ނުވަތަ ހޭންޑް ލައިން. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމަކީ ތަފާސްހިސާބުތަކަށް ބަލާއިރު 2023 ވަނަ 140،000 ޓަނު ބާނާފައި އޮތް އިރުގައި ޖަޕާނުން އެބައޮތް 110،000 ނުވަތަ 115،000 ޓަނު ދޮށީގެ މަސްވެރިކަމުގައި ބާނާފައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޖަޕާނުން ބާނާ މަސް އެ ވިއްކަނީ އެ ގައުމުގެ އެތެރޭގައި ކަމަށާއި އެކްސްޕޯޓް ނުކުރާ ކަމަށެވެ. އެހެންވެ، ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓުގެ 50 ޕަސަންޓު ހިއްސާދާރަކީ ރާއްޖެ ކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެންނަށް ދޮށީގެ މަސްވެރިކަމުގައި ބާރުތަކެއް ލިބެން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން. ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ނުވަތަ ދުނިޔޭގެ ބާޒާރުގައި ޕޯލް އެންޑް ލައިން މަސްވެރިކަމުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖެއަށް އޮންނަން ޖެހޭނެ ކަމަށް ހަމަ ޔަގީނުންވެސް އަޅުގަނޑު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ބާރު ރާއްޖެއަށް ނުލިބެނީ ބައިވަރު ސަބަބުތަކާ ހުރެ ކަމަށެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖު ކެޕޭސިޓީ ނެތުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކެޕޭސިޓީ އިތުރުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސް ރައްކާކުރެވޭ ކެޕޭސިޓީ މިހާރު 9،500 ޓަނުގައި ހުރި ނަމަވެސް، މި ސަރުކާރުން މި އަދަދު 25،000 ޓަނަށް އިތުރުކުރުމަށް މަސައްކަތްކުރާ ކަމަށެެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން 4.5 ބިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.