މާދަމާއިން ފެށިގެން މިފްކޯއިން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާއަށް ހަދައި، އެއް ކިލޯއިން މަތީގެ މަސް ގަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސް ގަންނަ އަގަކީ 16 ރުފިޔާ ކަމަށް ކަނޑައަޅައިގެން، މިހާރު މިފްކޯއިން މަސް ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށެވެ. އަދި ވައުދުވެވަޑައިގެންނެވި 20 ރުފިޔާގެ އަގަށް މަސް ގެންދިއުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދުން ފެށިގެން ގެންނަ މައިގަނޑު އެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން. އާދެ އެންމެ މަތީ ރޭޓޭ މި ދެންނެވީ 16 ރުފިޔާއޭ މިހާރު މި ގަންނަ ގަތުން. އަދި އެވެސް ވަރަށް މުހިންމު ބަދަލެއް މި ގެންނަނީ. އެންމެ ދަށްވެގެން 16 ރުފިޔާއަށް ގަންނަ ގޮތަށް މިފްކޯއިން މާދަމާއިން ފެށިގެން ފަށާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ ދަށްވެގެން 16 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރުމުން މިފްކޯއިން އެ ވަގުތަކު ކަނޑައަޅާ މަތީ އަގެއްގައި ގަންނަމުންގެންދާނެ ކަމަށާއި އެންމެ ދަށްކޮށް ގަންނާނެ އަގަކީ 16 ރުފިޔާއަށް ކަމަށެވެ.

އޭގެ އިތުރުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގުވެސް ހެޔޮވެގެންދާނެ ކަމަށާއި އެގޮތުން އެވަރެޖުކޮށް ތެލުުގެ އަގުން 51 ލާރި ހެޔޮވާނެ ކަމަށެވެ. އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވަރެޖުކޮށް 71 ލާރި އަގުހެޔޮވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކަނޑައަޅާފައިވާ ހުރިހާ އަތޮޅަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަނެވޭނެ ގޮތަށް ޝެޑްތައް ގާއިމުކުރުމުގެ މަސައްކަތް އަންނަ މާޗް މަހަށް ނިންމައިލެވޭނެ ކަމަށެވެ.