ރ. ދުވާފަރު ސިއްހީ މަރުކަޒުގެ އާ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ދުވާފަރު ސިއްހީ މަރުކަޒުގެ އާ އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަަނީ އެ އިމާރާތް ބައްލަވައިލައްވައިފައެވެ. ދުވާފަރުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހުޅުވާފައިވަނީ ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދޭނެ ޒަމާނީ އިމާޖެންސީ ރޫމަކާއި އެކްސްރޭގެ ހިދުމަތާއި ދަތުގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތާއި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތާއެކުގައެވެ.

13 ޑިސެމްބަރު 2025: ރ. ދުވާފަރު ސިއްހީ މަރުކަޒުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އަތޮޅުތަކުގައި ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އަތޮޅުތެރެއިން ބޭސްފަރުވާގެ ހިދުމަތް ހޯދުމަށް މާލެ އައުން ނިމުމަކަށް ގެނެސް އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ލިބޭ ބޭސްފަރުވާގެ ހިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ހިމެނެއެވެ.

މީގެ އިތުރުން ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ މަސައްކަތްކުރުމަށް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އެ މަސައްކަތުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަންދީފައިވަނީ ހަ މަސްދުވަހެވެ.

އެ މަޝްރޫއުގެ ދަށުން އެ އިމާރާތުގައި އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް، އައިސީޔޫ، ނާސް ސްޓޭޝަން،، ޕްރޮސީޖާ ރޫމް، މެޑިކަލް އަދި ނޮން-މެޑިކަލް ސްޓާ ރޫމެއް ގާއިމުކުރުމަށް ނިންމާފައިވެއެވެ.