ރާއްޖޭގެ 44 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިއަދު ހެނދުނު ރ. ދުވާފަރަށް ވަޑައިގެންފިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާއި ރަސްމީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދުވާފަރުގައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމާއި މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި ކުޑަކުދިންނަށް ހާއްސަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު