ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭޔޫ) އިން މިދިޔަ ބުދަ ދުވަހުން ފެށިގެން ކަނޑުމަތީ ކުރި އިހުތިޖާޖުގެ ތެރެއިން އިއްޔެ ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން މިރޭ ބުނީ އެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވާނެ ކަމަށެވެ.

"ހާޒިރުކުރުމުން ތިން މީހުންނަށްވެސް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައި. މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރުވެސް ހިމެނޭ،" ފުލުހުން ބުންޏެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގައި ބައިވެރިވި މަސް ދޯނިތަކުގެ މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅައިފައި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ފުލުހުން ރޭ ބުނެފައިވަނީ މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށް އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށް އެދިފައިވާނެ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރު ބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދު ކަމަށާއި މަސްވެރިންގެ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

"މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެ ހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މި އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ" ފުލުހުން ބުނެފައިވެއެވެ.

މަސްވެރިންގެ އިހުތިޖާޖު ކުރިއަށްދިޔަ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރު ބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވީ ނަމަވެސް، އިހުތިޖާޖުގައި ބައިވެރިވެފައިވާ ދޯނިތަކުން އިއްޔެ މެންދުރުން ފެށިގެން މުޅިރޭގަނޑު އެއްކޮށް އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެ އާއި ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ނަގިލި ލައި، އުޅަނދުތައް އަޅައިގެން ތިބުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށާއި އެކި ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރި ވުމުންވެސް އެކަމަށް އިޖާދީފައިނުވާ ކަމަށެވެ. އަދި ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އިއްޔެ މެންދުރު ފަހުން ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރާފައި ކަމަށެވެ.

އެގޮތުން މި މަސައްކަތް ކުރުމަށްޓަކައި ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން ވަނީ އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން ތިން ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މައުރޫފަކީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީއެވެ.

ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި 49 ދޯންޏެއްގެ މަސްވެރިން އިހުތިޖާޖު ފެށީ ބުދަ ދުވަހުގެ ހެނދުނެވެ. އެ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް މިސްރާބު ޖެހި ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފައެވެ. އެހެންވެ، ދޯނިތައް އެޅީ މާލޭ އުތުރު ބަނދަރަށް ވަންނަ ނެރުމައްޗަށްވާ ކަހަލަ ގޮތަކަށެވެ.