ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި މޭޖާ ޖެނަރަލް ރިޓަޔާޑް ވައިސް ވަހީދުގެ ނަމުގައި މާލޭގައި ގޯއްޗެއް އޮތުމުން، އޭނާގެ އަތުން އަތުލި ސިފްކޯ ފުލެޓް އެހެން މީހަކަށް ދީފިއެވެ.

ވަހީދުގެ އަތުގައި ގޯއްޗެއް އޮތުމުން، އޭނާއަށް ލިބިފައިވާ ފުލެޓް އަނބުރާ ހަވާލުކުރުމަށް އަންގައި އެ ފުލެޓު ސިފްކޯއިން ވަނީ އަތުލައިފައެވެ. ފުލެޓް ހަވާލުކުރަން އެންގުމަކީ ގާނޫނާ ހިލާފު ކަމެއްކަމަށް ކަނޑައަޅައިދިނުމަށާއި ފުލެޓް އަނބުރާ އޭނާއާ ހަވާލުކުރަން ސިފްކޯގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ އަށްވަނަ ދުވަހު ވަހީދު ވަނީ ދައުވާކޮށްފައެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ވައިސް ވަހީދާއި ސިފްކޯއާ ދެމެދު ފުލެޓް ގަނެ ވިއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވަހީދު އަމަލުކޮށްފައި ނުވާކަން ދެ ފަރާތުގެ ބަހުންނާއި ލިޔުންތަކުން އެނގެން އޮތުމުން، ސިފްކޯގެ ފަރާތުން ވަހީދަށް ފުލެޓް ހަވާލުކޮށްފައި ނުވަނީ އެއްބަސްވުމާ ހިލާފަށްކަމަށް ކަނޑައެޅޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ވަހީދުގެ ފަރާތުން ވަނީ ހަމަ އެ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ ފްލެޓް އެހެން މީހަކަށް ދިނުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިފައެވެ.

ވަހީދުގެ ފަރާތުން ހައިކޯޓުގައި ވިދާޅުވެފައިވަނީ ސިވިލް ކޯޓުން މައްސަލައިގެ ހުކުމް ކުރިތާ ގާތްގަނޑަކަށް އެއް ގަޑައިރުގެ ތެރޭގައި އެހެން ފަރާތަކަށް ފުލެޓް ދިނުމަށް ސިފްކޯއިން ނިންމައި އެއްބަސްވުމުގައި ސޮއިކުރާނެކަން ސިފްކޯއިން އަންގާފައިވާ ކަމަށެވެ.

އެފަދައިން ސިފްކޯއިން އަމަލުކޮށްފައިވަނީ ނުނިޔަތެއް އޮވެގެންކަމަށް ވަހީދު ވިދާޅުވިއެވެ. އެ ނުނިޔަތަކީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުގެ ދޮރު ބަންދުކުރުވައި ވަގުތީ އަމުރަށް އެދޭ ހާލަތުގައި އަމުރަށް އަސަރުކުރުވުން ކަމަށް ވަހީދު ވިދާޅުވިއެވެ.

ސިފްކޯގެ ފަރާތުން ބުނެފައިވަނީ ވަހީދުގެ ފަރާތުން ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށާއި އޭގެ މާކުރިން ސިފްކޯއާއި ވަހީދުއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.

އެހެންވެ މިހާރު ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭކަމަށް ހުށަހަޅާފައިވާ މައުލޫއީ ހައްގު އެ މައްޗަށް ބިނާވާ އެއްބަސްވުން މިހާރު ވުޖޫދުގައި ނެތްކަމަށް ސިފްކޯއިން ބުންޏެވެ. އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ ގާނޫނާހިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅާފައިނުވާ ކަމަށާއި އެެހެންވެ އެ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ހައްގެއް ހިމާޔަތް ކުރުމުގެ އަމުރެެއް ނެރެވޭނެ ޖާގައެއް ނެތްކަމަށް ސިފްކޯއިން ބުންޏެވެ.

"ސިފްކޯ ހިޔާ ނަންބަރު ސީ1301 ފުލްޓުގެ ހައްގު އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކަށް މިހާރު ބަދަލުކޮށްފައިވާ އިރު އެ ފުލެޓުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ހައްގު މިހާރު ވަނީ އުފަން ވެފައި ކަމަށާއި، މި ހާލަތުގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެދީފިނަމަ މިހާރު ފުލްޓުގައި ދިރިއުޅޭ ފަރާތްތަކަށާއި ސިފްކޯއަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ" ސިފްކޯއިން ބުންޏެވެ.

ދެ ފަރާތުން ދެއްކި ވާހަަކަތަކަށް ރިއާޔަތްކޮށް މި މައްސަލައިގެ އަމުރު ނެރުއްވި ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން، އަމުރުގެ ރައުޔުގައި ވިދާޅުވީ ސިފްކޯގެ ޖަވާބުން ހާމަވިކަމަކީ ފުލެޓް މިހާރު އެހެން ފަރާތަކަށް ވިއްކައި އެއްބަސްމެއް ގާއިމުކޮށްފައިވާކަން ކަމަށެވެ. އެ އެއްބަސްވުމުގައި ފުލެޓް ލިބުނު ފަރާތުންނާއި ސިފްކޯއިން ސޮއިކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 16 ވަނަ ދުވަހު ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ވީމާ އެނގެން އޮތް ހަގީގަތަކީ، އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދުނުއިރު ސިފްކޯ ހިޔާ ނަންބަރު ސީ1301 ފުލެޓް އެހެން ފަރާތަކަށް ވިއްކުމަށް އެއްބަސްވުމެއް ގާއިމުކޮށްފައިވާކަމެވެ. މިކަމުގެ ނަތީޖާއަކީ އެ ފުލެޓުގެ މައްޗަށް އެހެން ފަރާތެއްގެ ހައްގުތަކެއް އުފަންވެ ނިމިފައިވާ ކަމެވެ. އެހެނީ އިސްތިއުނާފުކުރާ ފަރާތުން ވަގުތީ ގޮތުން އަމުރުކުރުމަށް އެދޭ ކަންކަމަކީ އެ ކަންކަމުގެ މުއާމަލާތް މިހާރު ކެނޑިފައިވާ ކަންކަމެވެ. ކަމުގެ މުނާސަބު މަހައްލު ގެއްލިފައިވާ ކަންކެމެވެ" ފަނޑިޔާރު މާނިއު ވިދާޅުވިއެވެ.

އެކަންތައް ފާހަގަކުރައްވައި ފަނޑިޔާރު މާނިއު ރައުޔު ކަނޑައެޅުއްވީ ވަހީދުގެ ފަރާތުން އެދޭ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް އޮތް ކަމުގައި ނުފެންނަ ކަމަށެވެ.

އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު އިބްރާހިމް މާހިރު ތާއީދު ކުރެއްވިއެވެ.

އެހެންވެ މި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު މާނިއު ވިދާޅުވީ ވަހީދުގެ ފަރާތުން ނެރެދިނުމަށް އެދޭ ވަގުތީ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.