ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، އަލިޕޭ ޕްލަސް އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖެ ޕްރޮމޯޓްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލުން ބުނީ މިއީ ރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓް ސޮލިއުޝަންތައް އިތުރަށް ހަރުދަނާކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެ ބެންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ބީއެމްއެލްއާއި އަލިޕޭ ޕްލަސް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި މިއަދު ގާއިމުކުރި އެއްބަސްވުމަކީ އަންނަ އަހަރުން ފެށިގެން ކޯ- ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅުނު މުހިންމު އެއް ބިންގާ ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ޓްރައިޕާޓީ އެއްބަސްވުމުގެ ދަށުން އޭޝިއާގެ މާކެޓްތަކުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތްކުރުމާއި ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމަށް ފަސޭހަކޮށްދިނުމާއި މި މަންޒިލްތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއިފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި އީޖާދީ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަންސް ތައާރަފުކުރުމަށް ބީއެމްއެލްއާއި އަލިޕޭ ޕްލަސްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައިވެއެވެ. އެގޮތުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށްވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ހިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ ޕްލަސްގެ ފީޗާތައް ހިމަނާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަލިޕޭ ޕްލަސް އާއި ވިޒިޓް މޯލްޑިވްސްއާއެކު މި ވެވުނު ސްޓްރެޓީޖިކް އެއްބަސްބުންތަކާއެކު ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޅުނުު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މި އެއްބަސްވުން ފަރުމާކޮށްފައިވަނީ އެންމެ ޒަމާނީ އަދި ލުއިފަސޭހަ ޕޭމަންޓް ހައްލުތަކެއް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ. ރާއްޖޭގެ އިގުތިސާދު ކުރިއެރުމުގެ ދުވެލި އަވަސް ކުރުމަށް،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަކާޑް އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލި ޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ.

ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދ،ީ ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައ،ި މުއާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.