ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ބަޔަކު ހޯދަން އަލުން އިއުލާން ކޮށްފިއެވެ.

ރާއްޖޭގައި ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ހިދުމަތް ދޭން ފަށަން ފުރަތަމަ ހުޅުވައިލީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހުއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ އެމަޖެންސީ ހިދުމަތާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތް ކުރިއެރުވުމަށް ކުރިއަށްގެންދާނެ ހެލިކަޕްޓަރު ހިދުމަތަކަށް އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ، އެ މިނިސްޓްރީގެ މަގުސަދަކީ ހެލިކަޕްޓަރު މެދުވެރިކޮށް އެއާ އެމްބިއުލާންސް ހިދުމަތާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފަތުރުވެރިން އުފުލުން ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ދޭ ފަރާތަކަށް ފަތުރުވެރިން ހެލިކަޕްޓަރުގައި އުފުލަން ދިހަ އަހަރުގެ އެކްސްކްލޫސިވް އެއްބަސްވުމެއް ދޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރުކޮށް ނުވަތަ މިނިސްޓްރީ ހިންގާ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ތިން ވަނަ ފަންގިފިލާއަށް އަންނަ މަހުގެ 25 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އީއޯއައި ހުށަހެޅޭނެ ކަމަށެވެ.