ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ތިބި ބައެއް ދޯނިފަހަރަށް ފުލުހުން އަރައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް ފުލުހުން މިއަދު އަރާފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިވާ ކަމަށާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ ކަމަށް ބުންޏެވެ. އޭނާއަކީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީއެވެ.

ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި 49 ދޯންޏެއްގެ މަސްވެރިން އިހްތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފައެވެ. އެހެންވެ، ދޯނިތައް އެޅީ މާލޭ އުތުރު ބަނދަރަށް ވަންނަ ނެރުމައްޗަށްވާ ކަހަލަ ގޮތަކަށެވެ.