ރަސްމާލެ ޓްރާންސްޕޯޓް މާސްޓާ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން އިއްޔެ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ އެ ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ.
ފިނޭންސުން ބުނީ އެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
އެހެންކަމުން އެ މަސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ފިނޭންސުން ބުންޏެވެ.
އެ މަސައްކަތަށް ކުރިމަތިލާ ފަރާތަކުން އެ ފަރާތެއްގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން، ކުންފުނީގެ ފަންނީ ގާބިލު ކަންކަމާ ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން ހުށަހަޅަންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ކުންފުނީގެ މުވައްޒަފުންގެ އެފަދަ މަސައްކަތްތަކުގެ ކުރުމުގެ ހުނަރު ލިބިގެންވާނަމަ އެކަމެއްގެ މައުލޫމާތު ހުށަހަޅަންވާނެކަމަށް ފިނޭންސުން ބުންޏެވެ.
މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) މެތަޑްއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ފިނޭންސުން ބުންޏެވެ.
އެ މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
މުހައްމަދު އިޝާން
ރަސްމާލެ
ރަސްމާލެ