އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ސިޓީތަކަށް ޖުމްލަ 52 ކައުންސިލަރުން، ރަށްތަކަށް 629 ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ކަމަށް ހިމަނައިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު އާންމު ކުރި ރިޕޯޓްގައިވާ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ރަށު ކައުންސިލްތަކުގެ ދާއިރާތަކުގެ ޖުމުލަ އަދަދަކީ 179 އެވެ. ސިޓީތަކުގެ ދާއިރާތަކުގެ އަދަދަކީ 47 އެވެ.
މި ރިޕޯޓްގައިވާ ގޮތުން ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 629 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 52 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ.
މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލިޔުމުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށެވެ.
މާލެ ސިޓީ:
ޖުމުލަ އާބާދީއަކީ 83813 އެވެ.
މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން ގާނޫނުން ލާޒިމް ކުރާ އަންހެން މެންބަރުން ހިމެނޭ ގޮތަށް، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިހާބުކުރާ މެންބަރުންގެ މައްޗަށެވެ.
އެގޮތުން 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުކުރި 17 ދާއިރާއިން، ކޮންމެ ދާއިރާއަކުން މެންބަރަކާއި، ގާނޫނުން ލާޒިމްކުރާ ހަ އަންހެން މެންބަރުންނާއި މޭޔަރު ހިމެނޭހެން، މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ ޖުމުލަ 18 މެންބަރުންނެވެ.
ޑަބްލިޔުޑީސީއަށްވެސް އިންތިހާބުކުރާނީ ކައުންސިލަށް އިންތިހާބުކުރާ އަދަދަށެވެ. އެއީ ރައީސާއި 17 މެންބަރުންނެވެ.
އައްޑޫ ސިޓީ:
އައްޑޫ ސިޓީގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ކަނޑައަޅުއްވައިފައެވެ. އެހެންކަމުން މި ދެ ރަށް ނުހިމަނައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޖުމުލަ އާބާދީއަކީ 28،800 އެވެ.
އެހެންކަމުން ގާނޫނުގައިވާގޮތުގެމަތިން އައްޑޫ ސިޓީއަށް އިންތިހާބުކުރެވޭނީ ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭހެން ޖުމްލަ 11 މެންބަރުންނެވެ. އެއީ މޭޔަރާއި 10 މެންބަރުންނެވެ. އަދި ކައުންސިލަށް އިންތިހާބުކުރާ 10 މެންބަރުންގެ ތެރޭގައި އިންތިހާބު ކުރަން ގާނޫނު ލާޒިމް ކުރާ ތިން އަންހެން މެންބަރުން ހިމެނެއެވެ.
އައްޑޫސިޓީގެ ޑަބްލިޔުޑީސީ އަށް ވެސް އިންތިހާބުކުރާނީ ކައުންސިލަށް އިންތިހާބުކުރާ އަދަދަށެވެ. އެއީ ރައީސާއި 10 މެންބަރުން ހިމެނޭ ހެންނެެވެ.
ފުވައްމުލައް ސިޓީ:
ފުވައްމުލައް ސިޓީގެ ޖުމުލަ އާބާދީއަކީ 13802 އެވެ. ޏ. ފުވައްމުލަކަކީ އަށް އަވަށެއްގެ މައްޗަށް އެކުލެވޭ އޮތަށް އެއްފަސްކޮށް އޮތް ދާއިރާއަކަށް ވާރީ ކޮންމެ އަވަށެއް އިދާރީގޮތުން ބަލަނީ ވަކި ރަށެއްގެ ގޮތުގައެވެ.
އެހެންކަމުން ގާނޫނުގެ ދަށުން ޏ.ފުވައްމުލަކު ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބުކުރާނީ ކައުންސިލްގެ މޭޔަރާއެކު، ގާނޫނު ލާޒިމްކުރާ އަންހެން މެންބަރުން ހިމެނޭގޮތުން ކޮންމެ އަވަށަކަށް މެންބަރަކު ޖެހޭ ނިސްބަތުންނެވެ. އެގޮތުން ފުވައްމުލައް ސިޓީއަށް އިންތިހާބު ކުރާނީ، ކައުންސިލްގެ މޭޔަރާއި ގަނޫނުން ލާޒިމް ކުރާ ތިން އަންހެން މެންބަރު ހިމެނޭ ގޮތުން ޖުމްލަ ނުވަ މެންބަރުންނެވެ.
ޑަބްލިޔުޑީސީއަށްވެސް އިންތިހާބުކުރާނީ ކައުންސިލަށް އިންތިހާބުކުރާ އަދަދަށެވެ. އެއީ ރައީސާއި 10 މެންބަރުންނެވެ.
ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ:
ކުޅުދުއްފުށި ސިޓީގެ ޖުމުލަ އާބާދީއަކީ 11110 އެވެ. ތިނަދޫ ސިޓީގެ ޖުމުލަ އާބާދީއަކީ 10453 އެވެ.
މި ދެ ސިޓީގެ އާބާދީއަށް ބަލާއިރު، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން މި ދެ ސިޓީއަށް އިންތިހާބުކުރާނީ ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން ހަތް މެންބަރުންނެވެ. އެއީ ގާނޫނު ލާޒިމު ކުރާ ދެ އަންހެންމެންބަރުން ހިމެނޭގޮތަށެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ސިޓީއެއްގެ ޑަބްލިއުޑީސީއަށް އިންތިހާބު ކުރަންޖެހޭނީ ސިޓީ ކައުންސިލަށް އިންތިހާބުކުރާ އަދަދާއި އެއް އަދަދެއްގެ މެންބަރުންނެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީގެ ޑަބްލިއުޑީސީ އަށް އިންތިހާބު ކުރަންޖެހޭނީ އެ ކޮމިޓީގެ ރައީސް އާއެކު ހަތް މެންބަރުންނެވެ.
ލާމަރުކަޒީ ގާނޫނު ބުނާގޮތުން މަތިން ސިޓީކައުންސިލްގެ މޭޔަރުންނާއި ރަށު ކައުންސިލްގެ ރައީސުންނާއި، ޑަބްލިއުޑީސީގެ ރައީސުން އިންތިހާބު ކުރާނީ ސިޓީގެ ނުވަތަ ރަށު ރައްޔިތުންގެ ވޯޓުންނެވެ. ނަމަވެސް ސިޓީތަކުގެ ޑިޕިއުޓީ މޭޔަރުންނައި ރަށު ކައުންސިލްތަކުގެ ނައިބު ރައީސުން އިންތިހާބުކުރާނީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައިވާ ގޮތުން 2000 އަށްވުރެ އާބާދީ ކުޑަވުމުން ތިން ކައުންސިލަރުން ތިބޭނީ 133 ރަށެއްގައެވެ. އެގޮތުން އިންތިހާބުކުރާނީ ކައުންސިލްގެ ރައީސް އަދި އެއް އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި ޑަބްލިޔުޑީސީއަށްވެސް އިންތިހާބުކުރާނީ ތިން މެންބަރުންނެވެ.
ފަސް ކައުންސިލަރުން ތިބޭނީ 46 ރަށެއްގައެވެ. އެގޮތުން އިންތިހާބުކުރާނީ ކައުންސިލްގެ ރައީސް އަދި ދެ އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި ޑަބްލިޔުޑީސީއަށްވެސް އިންތިހާބުކުރާނީ ފަސް މެންބަރުންނެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ