ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ނިންމައި އިއްޔެ ހުޅުވާލުމާ އެކު، ދެވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ގައެވެ.

އެމްޓީސީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ދެވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު މެންދުރުފަހު 2:00 ގައި ފަށަން ހަމަޖައްސާފައިވާ ކަަމަށެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ.

ދެވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު ފަށާއިރު، އެ ސެގްމަންޓުގެ ދަށުން މަސް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކުރާނެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.