މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް އެއްކޮށް ނިންމާލައި އާންމުންނަށް މަގު ހުޅުވާލައިފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ގައެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ވަނީ އެ މަސައްކަތް ނިންމައި މަގު އާންމުންނަށް ހުޅުވާލާފައިވާކަން އިއުލާންކޮށްފައެވެ.

މިހާރު ބޮޑުތަކުރުފާނު ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ ފަސޭހަކަން ވަރަށް ބޮޑަށް އިތުރުވެ އަދި ހިނގާފައި އުޅޭ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެ މަޝްރޫއުގެ ދަށުން އަލަށް ގާއިމުކުރި ވާރޭފެން ހިންދާ ނިޒާމުގެ ސަބަބުން ބޯކޮށް ވާރޭވެހޭ ހިނދު ފެންބޮޑުވުން ކުޑަކޮށް، އެންމެންނަށް ވެސް ރައްކާތެރި އަދި ދެމިހުންނަނިވި އުމްރާނީ ތަރައްގީއެއް ގާއިމުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން.
  • 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް).
  • ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން.
  • ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.