އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވާ ކުރަމުންދިޔަ ތަނެއް އިމިގްރޭޝަނުން ރެއިޑްކޮށް ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓާސްކްފޯސްއިން މިރޭ ހިންގި ރެއިޑު އޮޕަރޭޝަންގައި މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވާ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެތަނުގައި ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގަވާއިދާހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ އެފަދަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު 27 ގައި ވަނީ އެދިފައެވެ.
އޮޕަރޭޝަން ކުރަނގި ނަމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތްތަކެއް އިމިގްރޭޝަނުން ކޮށްފައިވާ އިރު، މިދިޔަ މަހުގެ 15 އިން ފެށިގެން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ވަގުތުން ޑީޕޯޓުކުރާނެކަމުގެ އިންޒާރެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފައެވެ.
އާއިޝަތު މާހާ
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން