ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، މަންފާ ހޯދި ކަމަށް ތުހުމަތުކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، (37އ) ގެ މައްޗަށް ހުކުމް ކުރުމަށް މާދަމާ ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ޝިފާއުގެ މައްޗަށް ދައުލަތުން ކޮށްފައިވާ 16 ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފިއެވެ.
ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާ އާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން އެ އަހަރުގެ މެއި 27 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ.
ކުރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންވެ ފުލުހުން އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރުނެވެ.
އޭނާ އެ ފަހުން ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ. ކުރިމިނަލް ކޯޓުން ޝިފާއުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާގެ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނިކޮށް ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ސަބަބުންނެވެ. ޕާސްޕޯޓް ދޫކޮށްލަދިނުމަށް ޝިފާއުގެ ފަރާތުން އެދުނު ނަމަވެސް ކުރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކުރުމުގެ އަމުރެއް ނެރެދީފައިނުވެއެވެ. ޕާސްޕޯޓް ދޫކޮށްލައި ދިނުމަށް ޝިފާއުގެ ފަރާތުން އެދިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބޭއްވި މައްސަލައިގެ އަޑުއެހުމުގައެވެ. އެ ޝަރީއަތުގައި ދައުލަތުންވެސް ވަނީ ޝިފާއުގެ ޕާސްޕޯޓް ދޫކޮށްލަ ދިނުމުގެ އަމުރެއް ނެރެދިނުމަށް އިއުތިރާޒުކޮށްފައެވެ.
ޝިފާއުގެ މައްޗަށް ދައުލަތުން އޮތީ 38 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ 23 ދައުވާއެއް އުފުލައިފައެވެ. އެ ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ހަތް ދައުވާއެއް ހިމެނެއެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާ ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
ސާބިތުވީ ދައުވާތަކަށް މި ހަފްތާގައި ހުކުމްކުރާނެ ކަަމަށް އެ ދުވަހު ގާޒީ ވިދާޅުވިއެވެ. ހުކުމް ކުރެވެންދެން ޝިފާއު ބަންދުކުރަން ގާޒީ ވަނީ އަމުރުކުރައްވައިފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމެން ކައިރިވެ، ހުލާސާ ބަޔާން އިއްވައި ހިސާބަށް ގޮސްފައިވަނިކޮށް، ދައުލަތާއި ޝިފާއުއާ ދެމެދު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ދައުލަތުން ޝިފާއުގެ މައްޗަށް ކޮށްފައިވާ 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް އަނބުރާ ގެންދާނެއެވެ. އެއްބަސްވުމުގައިވާ ގޮތުން އެ ދައުވާތަކުގެ ތެރޭގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދި ކަމުގެ ކުށުގައި ކުރާ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާތައް ހިމެނެއެވެ. ޝިފާއުގެ މައްޗަށް އެއްބަސްވުމުގައިވާ ގޮތުން ކުރާނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއުއަށް އަންނާނީ 88 ދުވަހުގެ ޖަލު ހުކުމަކާއި 184،600 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.
މި މައްސަލައާ ގުޅިގެން ޝިފާއު ބަންދުގައި 88 ދުވަހަށްވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އެ ހުކުމާއެކު ޝިފާއު މިނިވަންވާނެއެވެ. އެހެންކަމުން އޭނާ ތަންފީޒު ކުރަންޖެހޭނެ އަދަބަކީ 184،600 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.
އެ އިއުތިރާފުގެ އެއްބަސްވުން މީގެކުރިން ބޭއްވި ޝަރީއަތަށް ހުށަހެޅުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ އެ އެއްބަސްވުމަކީ މި މައްސަލައާ ގުޅިގެން ދައުވާކުރާ ކުށްތަކާއި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން ހަދައިފައިވާ އެއްބަސްވުމެއް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު މި މައްސަލައިގެ ގެއްލުންވި ފަރާތްތަކަށް ޝިފާއުގެ ފަރާތުން ބަދަލުދިނުމަށް ހަމަޖެހިފައިވާކަންވެސް ނޭނގޭކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
އެހެންވެ ގާޒީ ނިންމެވީ ދައުލަތާއި ޝިފާއުއާ ދެމެދު ހަދައިފައިވާ އެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމުގެ ބަދަލުގައި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށެވެ.
ޝިފާއުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ގިނަ ދައުވާތަކެއް ކުރާއިރު އޭނާ "ނަލަހިޔާ ރެސިޑެންސް 3 އޭ" ކުލި ނުދައްކާތީ ސިވިލް ކޯޓުން ވަނީ ކުލީގެ ގޮތުގައި 206،237 ރުފިޔާ ދެއްކުމަށް ޝިފާއުގެ މައްޗަށް 29 ޖޫން 2024 ގައި ހުކުމްކޮށްފައެވެ.
ޝިފާއުއަށް މި ސަރުކާރުން ސިޔާސީ މަގާމެއްވެސް ދިނެވެ. އެގޮތުން އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުއްޓައި، މީޑިއާއިން އޭނާއާ ގުޅޭ ވާހަކަ ފެންމަތިކުރުމުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް