އެކިއެކި ކާރިސާތަކުގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މިދިޔަ އަހަރު ކުރި ހަރަދު 67 ޕަސަންޓަށް އިތުރުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ކާރިސާތަކުގެ ތަފާސްހިސާބުގައި ބަޔާންކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރާ އަޅައި ބަލާއިރު، މިދިޔަ އަހަރު ކާރިސާތައް ރިޕޯޓް ކުރުން ވަނީ 37 ޕަސަންޓަށް އިތުރުވެފައެވެ. ތަފާސްހިސާބުގައިވާ ގޮތުން 2022 ވަނަ އަހަރު އެންޑީއެމްއޭއަށް ވަނީ 144 ކާރިސާއެއް ރިޕޯޓުކޮށްފައެވެ. 2023 ވަނަ އަހަރު 183 ކާރިސާއެއް ރިޕޯޓުކުރި އިރު މިދިޔަ އަހަރު ވަނީ 251 ކާރިސާއެއް އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ކާރިސާތައް ރިޕޯޓުކުރުން އިތުރުވީ ކާރިސާތައް ހިނގި މިންވަރު އިތުރުވުމުގެ ބަދަލުގައި އެފަދަ ކަންކަން ރިޕޯޓު ކުރެވޭނެ އިންތިޒާމު ފަސޭހަވުމުގެ ސަބަބުންނެވެ.

ތަފާސްހިސާބުގައި ބަޔާންކޮށްފައިވާ ގޮތުން ކާރިސާތަކާ ގުޅިގެން ދައުލަތުން ދޭ އެހީގެ ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2022 ވަނަ އަހަރު ތިން މިލިއަން ރުފިޔާ އެހީގެ ގޮތުގައި ދީފައިވާ އިރު، 2023 ވަނަ އަހަރު ވަނީ އެހީގެ ގޮތުގައި ހަ މިލިއަން ރުފިޔާ ދީފައެވެ. މިދިޔަ އަހަރު އެހީގެ ގޮތުގައި 10 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ތަފާސްހިސާބުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެހެންވެ، ކާރިސާތަކާ ގުޅިގެން އެންޑީއެމްއޭއިން ކުރި ހަރަދު މިދިޔަ އަހަރު 67 ޕަސަންޓަށް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރު ފެންބޮޑުވެފެން ގެއްލުން ލިބުމުގެ 93 ހާދިސާ، އަލިފާނުގެ 83 ހާދިސާ، ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބުމުގެ 57 ހާދިސާ، ވިއްސާރައިގައި ގެއްލުން ލިބުމުގެ އަށް ހާދިސާ، ގޭސްފުޅި ގޮވުމުގެ ހަތަރު ހާދިސާ، އުދަ އަރައިގެން ގެއްލުން ލިބުމުގެ ތިން ހާދިސާ، ހޮނު އަޅައިގެން ގެއްލުން ލިބުމުގެ ދެ ހާދިސާ އަދި ކަނޑުމަތީގެ އެއް ހާދިސާ ރިޕޯޓުކޮށްފައިވެއެވެ.