ގައުމީ އެއާލައިން، މޯލްޑިވިއަން އާއި އިންޑިއާގެ އެންމެ ބޮޑު ގްލޯބަލް އެއާލައިން، އެއާ އިންޑިއާއާ ދެމެދު ގުޅުން ބަދަހިކޮށް، ސަރަހައްދީ އަދި ގައުމީ ނެޓްވޯކްތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ ހަރަކާތްތައް އިތުރަށް ފަސޭހަކުރުމަށް ބާރުއަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ އެ އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަންއަށް މާލެ ފިޔަވައި އެ އެއާލައިނުން ދަތުރުކުރާ އިތުރު 16 ރަށަށް ދަތުރުކުރާ ފްލައިޓްތަކަށް އިތުރު ފަސިންޖަރުން ބަލައިގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި ބައިވެރިވުމުގެ ސަބަބުން މޯލްޑިވިއަންގެ އިންޑިއާގެ ރޫޓްތަކަށް ދިއްލީ އާއި މުމްބާއީ އިން ފީޑަރު ޓްރެފިކް ލިބި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި ފަސޭހަތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

"މި ބައިވެރިވުމަކީ ރާއްޖެއަށް ދަތުރުކުރުމުގެ ފުރުސަތު ފުޅާކުރުމަށާއި، މާލެ ފިޔަވައި އެހެން އަތޮޅުތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް ގުޅުން ގާއިމުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ފެށޭ އާ ބާބެެއް. އެއާ އިންޑިއާގެ ވަރުގަދަ ނެޓްވޯކާއި، ދިރާއްޖޭގެ އެތެރޭގައި އަޅުގަނޑުމެންގެ ހިދުމަތް ފޯރާ މިންވަރާއެކު، މި އެއްބާރުލުން ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުފަތުރަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކުރާނެ،" އެ އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވިއެވެ.

އެއާ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ނިޕުން އަގަރްވާލް ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން އެންމެ ގަޔާވާ މަންޒިލެއްގެ ގޮތުގައި ދެމިއޮތް އިރު، މޯލްޑިވިއަންއާ އެކު މި ވެވުނު އިންޓަލައިން ބައިވެރިވުމުގެ ސަބަބުން ރާއްޖޭގައި (އިންޑިއާ ފަތުރުވެރިންނަށް) ނުފެނި އޮތް އަތޮޅުތަކާއި ރަށްތަކަށް ދޮރު ހުޅުވިގެންދާނެ ކަމަށެވެ.

"އެއާ އިންޑިއާގެ ފުޅާ ގްލޯބަލް ނެޓްވޯކާއި، މާލެ ފިޔަވައި އެތެރޭގެ ހުރިހާ ނުގުތާއަކަށް މޯލްޑިވިއަންގެ ހިދުމަތް ފޯރާ މިންވަރު އެއްކޮށްލުމުން، ފަސިންޖަރުންނަށް އެއް ދަތުރެއްގައި މި ރަށްތަކުގެ ތަފާތުކަން ހޯދައިގަތުމުގެ ފުރުސަތު މިހާރު ލިބިގެންދާނެ،" އަގަރްވާލް ވިދާޅުވިއެވެ.

މޯލްޑިވިއަނުން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެ އެއާލައިނުން ވެސް ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، ނެޓްވޯކްގެ ގުޅުން ބަދަހިކޮށް، ދަތުރުފަތުރު ފަސޭހަކޮށް، ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމުގެ މަގުން ފަތުރުވެރިކަން ކުރިއެރުވުމަށް ބާރު އަޅާނެ ކަމަށެވެ.