ތޫފާނުގައި ނެތިގެން ދިޔަ ކޮންމެ ގެއަކަށް ފަސް މިލިއަން ރުޕީސް ދިނުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފިއެވެ.

ލަންކާއަށް މިދިޔަ ހަފުތާގައި އެރި ބާދުގަދަ ތޫފާން ދިތުވާގެ ސަބަބުން އެގައުމުގެ ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެތައް ސަތޭކަ ބަޔަކަށް ވަނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައެވެ.

ލަންކާއަށް އެރި ތޫފާނުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުން ބަލައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ އިރު، ލަންކާގެ ރައީސް އަނޫރާ ޑިސަނަޔަކަ ވަނީ އެގައުމުގެ އާންމުންނަށް ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދޭނެ ގޮތްތަކެއް އިއުލާންކުރައްވައިފައެވެ.

އެގޮތުން ރައީސް އަނޫޔާ އިއްޔެ ވަނީ ތޫފާނުގައި ވީރާނާވި ކޮންމެ ގެއެއް އަލުން އާބާދުކުރުމަށް އެހީގެ ގޮތުގައި ފަސް މިލިއަން ރުޕީސް ދިނުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.

އޭގެ އިތުރުން އެހެނިހެން ފަރާތްތަކުގެ ގެދޮރަށް ގެއްލުންވި މިންވަރު ބަލައި 2.5 މިލިއަން ރުޕީސް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އަނޫރާ ވަނީ އިއުލާންކުރައްވައިފައެވެ.

ގެދޮރު ގާއިމުކުރުމަށް އެހީތެރިކަން ވެދިނުުމުގެ އިތުރުން ރައީސް އަނޫރާ ވަނީ ގެދޮރު ވީރާނާވި މީހުންނަށް ގެދޮރު އެޅުމަށް ސަރުކާރުގެ ފަރާތުން ބިން ދޭން ކަމަށްވެސް ވިދާޅުވެފައެވެ.

ތޫފާނުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ހިޔާގައި އެހީތެރިކަން ދެމުން އަންނަ އިރު، ލަންކާގެ ސަރުކާރުން ދަނީ ލިބުނު ގެއްލުން ބަލައި ދިރާސާތައް ކުރަމުންނެވެ.