މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ 97 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ގައެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ އެސްފަލްޓް އެޅުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް މިއަދު ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށެވެ.
މި މަޝްރޫއު ނިމުމުން ބޮޑުތަކުރުފާނު ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ ފަސޭހަކަން ވަރަށް ބޮޑަށް އިތުރުވެ އަދި ހިނގާފައި އުޅޭ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އަލަށް ގާއިމުކުރާ ވާރޭފެން ހިންދާ ނިޒާމުގެ ސަބަބުން ބޯކޮށް ވާރޭވެހޭ ހިނދު ފެންބޮޑުވުން ކުޑަކޮށް، އެންމެންނަށް ވެސް ރައްކާތެރި އަދި ދެމިހުންނަނިވި އުމްރާނީ ތަރައްގީއެއް ގާއިމުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން.
- 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް).
- ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން.
- ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
އާއިޝަތު މާހާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ