ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު މިހާރު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕްރޭޝަނުން ބުނެފިއެވެ.
އެ ކޯޕްރޭޝަނުން މިއަދު މީޑިއާއަކަށް ބުނީ އެއީ، ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދީފައިވާ ލުއިތައް ރަސްމީކުރުމަށް ކުރިޔަށްގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިޔާ ފުލެޓް ނިންމުމަށާއި ވިނަރެސް ފުލެޓު ގަތުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އެމަނިކުފާނު އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.
އެޕޯސްޓެއްގައި ވިދާޅުވީ އެ ލޯނުތަކަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ވާތީ އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލްއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 ޕަސަންޓުން 10 ޕަސަންޓަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައިދެއްވުމަށާއި، އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 ޕަސަންޓްއިން 8 ޕަސެންޓަށް ކުޑަ ކުރުން" ރައީސް ވިދާޅުވިއެވެ.
ބީއެމްއެލުން ވަނީ ހިޔާ ފުލެޓު ނިންމުމަށް 535 ލޯނެއް ދޫކޮށްފައެވެ. އަދި ވިނަރެސް ފުލެޓު ގަތުމަށް 26 ލޯނެއް ދޫކޮށްފައެވެ.
މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް މަސައްކަތެކެވެ.
އެހެންކަމުން ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ ފަރާތްތަކަށް މިހާރު ވަނީ މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކުރައްވައިގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލައި، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާފައިކަމަށް އެޗްޑީސީން ބުންޏެވެ.
ރައީސް ޑރ. މުއިޒު ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ހަރަދަށް ވާ ދެލައްކަ ރުފިޔާ ހަތް އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވައިފައެވެ. އެ މަނިކުފާނު ވަނީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 8500 އިން 4984 ރުފިޔާއަށް ކުޑަކުރައްވައިފައެވެ. މީގެތެރެއިން 1000 ރުފިޔާއަކީ ފްލެޓުތަކުގެ މެއިންޓެނަންސަށް ނަގާ ފައިސާއެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ފްލެޓުތަކަށް ދައްކަން ޖެހޭ 25،000 ރުފިޔާ ކެނޑުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓުތަކުގެ ކުލިންނެވެ.
"މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ. ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެ." އެޗްޑީސީން ބުންޏެވެ.
އެ ކޯޕްރޭޝަނުން އިތުރަށް ބުނީ ސަރުކާރުގެ މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް އެ ކޯޕްރޭޝަނުން ކުރަމުން ގެންދާނެ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ