މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުމާލެ ހުރަވީ ސްކޫލުގައި ގާއިމު ކުރި 'ހުނަރު ވެހި'އިން ކުރިޔަށް ގެންދިޔަ، ފުރަތަމަ ދެ ކޯހުގެ 42 ދަރިވަރުންނާއެކު ދަސްވެނިވުން ފާހަގަކޮށްފި އެވެ.

އެެމްއޭސީއެލްގެ 'ހުނަރުވެހި' ޕްރޮގްރާމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ކުރިއެރުމަށާއި އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިޔަށްގެންދިޔަ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ޕްރޮގްރާމްގެ ކުރިޔަށްގެންދިޔައީ ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް އަދި ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގެ ތިން ބެޗަކުން 42 ދަރިވަރުންނެވެ.

އެ ރަސްމިއްޔާތުގައިގެ އެމްއޭސީއެލްގެ ބޯޑު މެންބަރު އަދި ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމުގެ ތެރެއިން ދަސްކުރާ ހުނަރަކީ އެ ދަރިވަރުންގެ މުސްތަގުބަލަށް މުހިންމު ފައިދާއެއް ކުރާނެ ކަމެއްކަމަށެވެ.

"ހާއްސަގޮތެއްގައި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ހުނަރުވެރި ދިވެހިން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި ތައުލީމީ ނިޒާމުގެ ތެރެއިން މިފަދަ ތަމްރީނު ދެވިގެންދިއުން މުހިންމު." މިހާދު ދިވާޅުވި އެވެ.

3 ޑިސެމްބަރު 2025: އެމްއޭސީއެލް: 'ހުނަރުވެހި' ޕްރޮގްރާމުުގެ ދަސްވެނިވުން ފާހަގަކުރުން --- ފޮޓޯ/ އެމްއޭސީއެލް

އެ ރަސްމިއްޔާތުގައި ހުރަވީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ހަލީމް ވަނީ އެމްއޭސީއެލުން 'ހުނަރުވެހި' ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ހުނަރުވެހިން ހިންގާކޯސްތަކަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެއީ ވަޑާން ކުރުމަށާއި ކަރަންޓު ވަޔަރު ކުރުމަށާއި ވަޔަރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ފަހަން ބޭނުންކުރާ ސާމާނެވެ.

އެއާއެކު 'ހުނަރުވެހި' ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން އެމްއޭސީއެލުން ފޯރުކޮށްދީފައި ވާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.