އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ރޭގެ ވަގުތެއްގައި ކަމަށެވެ.

"މިނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާޗް މަހުން ފެށިގެން. މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ވަނީ ހޯދިފައި" ފުލުހުން ބުންޏެވެ.

ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށް ވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.