ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އަންނަ މަހުގެ 23 ގައި ނ. ވެލިދުއަށް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 23 އިން ފެށިގެން ވަލިދުއަށް ސީޕްލޭން ދަތުރުތައް ފެށުމުން ރާއްޖޭގެ އެންމެ ރީތި އަދި ހިތްފަސޭހަ ރަށްރަށުގެ ތެރޭގައި ހިމެނޭ ވެލިދުއަށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އެ ހިދުމަތް ތައާރަފުކޮށްފައިވަނީ ރަށްރަށް ގުޅުވައި، ސަރަހައްދީ ތަރައްގީއަށް އެހީތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެއްގޮތަށް ކަމަށާއި އެ ދަތުރުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ނ. އަތޮޅަށް ފަތުރުވެރިން ޒިޔާރަތްކުރުން އިތުރުވެ، ފަތުރުވެރިކަން ވަރުގަދަވެގެންދާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

ވެލިދުއަށް ސީޕްލޭން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ދެ ފަހަރު، ބުދަ އަދި ހުކުރު ދުވަސްތަކުގައެވެ. ޕްރޮމޯޝަންގެ ދަށުން ދިވެހީންނަށް އެއްކޮޅު ޓިކެޓެއްގެ އަގަކީ 999 ރުފިޔާއެވެ.

މޯލްޑިވިއަނުން ބުނީ އެ ދަތުރުތަކުގެ ސަބަބުން ނ. އަތޮޅުގެ އެހެން ރަށްރަށަށް ދަތުރުކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިންނަށް އެކި ރަށްރަށުގެ ތަފާތު ތަޖުރިބާތަކާއި، ހިތްފަސޭހަ ގޮނޑުދޮށްތަކާއި، އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން ފަސޭހަކަމާއެކު ދެކިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، އެ ހިދުމަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އެހީތެރިވެ، ކުދި ވިޔަފާރިތަކަށް ފުރުސަތުތައް ހުޅުވި، އަތޮޅުގެ އިގުތިސާދީ ހަރަކާތްތައް އިތުރުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

ވެލިދޫގެ ސީޕްލޭން ދަތުރުތަކަށް ޓިކެޓު ބުކްކުރުމާއި އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް އީމެއިލްކުރުމަށް ނުވަތަ 1671 އަށް ގުޅުމަށް މޯލްޑިވިއަނުން އެދެއެވެ.

މޯލްޑިވިއަނުން މިހާރު ވެސް އަންނަނީ ބ. ކަމަދޫ އާއި އެ އަތޮޅު ފުޅަދުއަށް ސީޕްލޭން ދަތުރުތައް ކުރަމުންނެވެ.