އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖެއް، ފުލުހުންނާ ހަވާލުކުރަން އެންގީ އެ ވީޑިއޯ ފުޓޭޖު ނުލިބިގެން ފުލުހުން ލަސްވެގެން އުޅޭތީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ ތެރެއިން ހިންގި ހިޔާނާތެއްގެ މައްސަލައިގައި ދައުލަތުންވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ފޭރުމުގެ ބައިވެރިވުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދިން އިމިގްރޭޝަންގެ މުވައްޒަފަކު ބުނީ އިިމިގްރޭޝަންގެ ސީސީޓީވީ ފޫޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރަން އިހުސާން އެންގި ކަމަށެވެ. އިމިގްރޭޝަންގެ ފަރާތުން އެ ވީޑިއޯތައް ފުލުހުންނަށް ހަވާލުކޮށްފައިވަނީ އޭނާ ކަމަށެވެ. ހެކިވެރިޔާ ބުނީ ފުޓޭޖު ފުލުހުންނާ ހަވާލުކުރަން އިހުސާންގެ ފަރާތުން ޑައިރެކްޓް އިންސްޓްރަކްޝަނެއް ލިބިފައި ނުވާ ކަމަށެވެ. އޭނާއަށް އެ އިންސްޓްރަކްޝަން ލިބިފައިވަނީ އިމިގްރޭޝަންގެ އިންފޮމޭޝަން ޓެކްނޮލޮޖީ ހެޑުގެ ފަރާތުންކަމަށް ހެކިވެރިޔާ ބުންޏެވެ.
އައިޓީ ހެޑް، އޭނާއަށް އަންގާފައިވަނީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަނީ އިހުސާން އާއި ފުލުހުންގެ އެންގުމަކާ ގުޅިގެން ތަހުގީގުގެ ބޭނުމަށްކަމަށް ހެކިވެރިޔާ ބުންޏެވެ. އިހުސާން، ގުޅުއްވާފައިވަނީ އައިޑީ ހެޑަށް ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާގެ އެ ހެކިބަހާ ގުޅިގެން ސުވާލުކުރަން ލިބުނު ފުރުސަތުގައި ޝަމްއާންގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ އެއީ އިމިގްރޭޝަންގައި ހުންނަ ހެކިތަކެއް، ފުލުހުންނާ ހަވާލުކުރަން ޖެހޭ ރަސްމީ އިޖުރާއަތްތޯ ސުވާލު ކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ އާންމު ގޮތެއްގައި އަންގަނީ ފުލުހުން ކަމަށާއި ބައެއް ހާލަތްތަކުގައި މިސާލަކަށް އަވަހަށް ބޭނުންވާ ހާލަތެއްގައި މިނިސްޓަރު ނުވަތަ ފުލުހުންގެ އިސް ފަރާތަކުން އަންގައިގެންވެސް ދޭ ކަމަށެވެ.
ނޫރުއްސަލާމް ކުރެއްވި އިތުރު ސުވާލެއްގައިވަނީ މިނިސްޓަރާއި ފުލުހުން އަންގައިގެން ހެކީގެ ގޮތުގައި މީގެކުރިން ސީސީޓީވީ ފުޓޭޖު ދީފައިވާނަމަ އެ ކަންކަމުގެ ތަފުސީލު ދިނުމަށް އެދިފައެވެ. ނަމަވެސް ހެކިވެރިޔާ ބުނީ އެ ހުރިހާކަމެއް މިހާރު ހަނދާނަކު ނެތް ކަމަށެވެ.
މިނިސްޓަރު އިހުސާން ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތާއި އިމިގްރޭޝަނާ ހަވާލުވެހުރި މިނިސްޓަރެއްގެ ހައިސިއްޔަތުން އެއް އިދާރާއިން އަނެއް އިދާރާގައި އެދޭ ކަންކަން ލަސް ވެ، ސަމާލުކަމަށް ގެންނަ ހިސާބުން އެކަމެއް ވީހާވެސް އަވަސް ކޮށްދިނުމަކީ ޒިންމާއެއް ކަމަށެވެ.
"ވީޑިއޯ ފުޓޭޖު ޕޮލިސްއިން އެދުމުން އެ ފޯރުކޮށްދިނުން ލަސްވާނަމަ އެކަން ކޮށްދިނުމަށް އެންގުމަކީ ގޯހެއްކަމަށް ދޭހަވާގޮތަށް ވަކީލުންގެ ވާހަކަ މި ހުންނަނީ. ސުވާލަކީ ޕޮލިސްއިން އެކަން ނުވެގެން އެހީތެރިކަމަށް އެދުމުން އެކަން ނުކޮށްދިންނަމަ ވަކީލު ބުނާނީ ކީކޭތޯ" އިހުސާން ވިދާޅުވިއެވެ.
"ގޯސްކޮށްކަމެއް ހިނގީމަ އެކަން ގޯސް ނުވެ އެކަން ހިނގިތަން ފެންނަ ކެމެރާއާއި ފޫޓޭޖު ދޭން ބުނި މީހާ ގޯސްވާ ގޮތަށް ވަކީލުން ވާހަކަ ދެއްކުމަކީ ކަންބޮޑުވާކަމެއް"
އިހުސާން އެފަދައިން ވިދާޅުވިއިރު ދައުލަތުން ޝަމްއާންގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ ގޮތުން ފްރޭމްކުރުމަށް ކުރާ މަސައްކަތްކެއްކަމަށް ޝަމްއާންގެ އާއިލާއިން ބުނެފައިވެއެވެ. އަދި ޝަމްއާން ފްރޭމް ކުރުމުގެ ތުހުމަތު އެ އާއިލާއިން ކުރަނީ އިހުސާނަށެވެ.
ނަމަވެސް އެ ތުހުމަތުތައް އިހުސާން ވަނީ މީގެ ކުރީން ދޮގުކުރައްވައިފައެވެ. އެގޮތުން އިހުސާން ވިދާޅުވެފައިވަނީ މަސައްކަތުގެ މާހައުލުގައި ޝަމްއާނާއެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ސިޔާސަތުތައް ތަންފީޒުކުރަން މަސައްކަތް ކޮށްފައިވަނީ ދެ މީހުން އެކުގައި ކަމަށެވެ.
ފުލުހުން، ޝަމްއާން ހައްޔަރުކޮށްފައިވަނީ ޒާތީ ކަމެއްގައި ނޫންކަން ހާމަކުރަމުން އިހުސާން އެއިރު އެގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން