މި އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ 300 އަށްވުރެ ގިނަ މީހުނަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، އެންމެންގެ އަބުރު ރައްކާތެރިކޮށް، ހަމަހަމަކަމާއި އެންމެން ޝާމިލުވާ އަދި އިހްތިރާމުކުރާ މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އިގްތިސޯދީ ގޮތުން ފައިދާހުރި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ވިދާޅުވެފައެވެ.

"މި އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ވަނީ އުފައްދާފައި. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައި، ދަރިވަރުންގެ އުނގެނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ފަށައިފައި" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މުޖުތަމައަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ފިޒިކަލް އެކްސެސިބިލިޓީ އިތުރުކޮށް، މައުލޫމާތު ލިބިގަތުމުގެ ފުރުސަތު އިތުރުކޮށް، ކޮންމެ ފަރުދެއްގެ ގާބިލުކަން ފުރިހަމައަށް ބޭނުންކުރެވޭނެ ގައުމެއް ބިނާކުރުމަށް އަބަދުވެސް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.