ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓާ އޮފް އިންޓަނޭޝަނަލް ރިލޭޝަންސް، ސާރާ އަލް-ސައީދާއި، އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ސައުދީގެ ވިޔަފާރި ވަފުދުން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ރައީސް އޮފީހުގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމަކީ މި އަހަރުގެ ކުރީކޮޅު ރައީސް މުއިއްޒު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެން ސައުދީގެ ބޮޑުވަޒީރު، އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް- އާލް ސުއުދު އާއެކު ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމާއި ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެން ރައީސާއެކު ބޭއްވި ބައްދަލުވުމުގެ ސަބަބުން ރާއްޖެއާއި ސައުދީއާ ދެމެދު ވިޔަފާރީގެ ގުޅުން ކުރިއަރައިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރާއްޖެއާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށް، އިންވެސްޓްމަންޓާ، އިގްތިސޯދީ ތަރައްގީ އާއި، އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމުގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމާއި އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންވެސް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއާއި ސައުދީއާ ދެމެދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ، ވައްމޭޒު ޖަލްސާގައިވެސް އެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަދި ސިނާއަތްތަކުގެ އިސްވެރިންނާއެކު ސީދާ މަޝްވަރާތައް ކުރިއަށްދާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވަފުދުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގެ ތެރެއިންވަނީ ސައުދީ ސަރުކާރުން، ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަން ފާހަގަ ކުރައްވައި، އޭގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ބޮޑެތި ކުރިއެރުން ތަކެއް އައިސްފައިވާކަން ފާހަގަކުރައްވައިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މަސައްކަތްތައް ނިންމުމަށް ސައުދީން ފޯރުކޮށްދިން އެހީތެރިކަންވެސް ރައީސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. ވީއައިއޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.