ތޫފާން "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުވާން މަޖުބޫރުވިއެވެ.

މި ހާލަތުގައި އެގައުމުުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިން އެއްބަޔަކީ ޔަގީނުންވެސް ދިވެހި ރައްޔިތުންނެވެ. އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމް އިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނުން ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ. އަދި އެ ޓެލެތޯނުން 11.4 މިލިއަން ރުފިޔާ ލިބިފައިކަމަށް ޕީއެސްއެމްއިން ބުންޏެވެ.

ލަންކާއަށް ދިވެހިންގެ ހިތުގައި އޮންނަ ލޯބި ޝޯޝަލް މީޑިއާއިންވެސް ފެނެއެވެ. ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު މީގާތު ގްރޫޕާއި މަހަލްދީފް ފައުންޑޭޝަން ގުޅިގެން އިއްޔެ ވަނީ ލަންކާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު އެއްކުރަން ފަށައިފައެވެ.

އެއީ އަންނައުނާއި ބެޓްޝީޓްސް، ތުވާލި، ފާހަނާއަށް ބޭނުންވާ ސާމާނު، އަދި ގޭތެރޭ ދުވަހުން ދުވަހަށް ބޭނުންކުރާ ސާމާނުތަކެެވެ. މީގާތު ގްރޫޕުން ބުނީ އެ ފަރާތްތަކުން އިސްނަގައިގެން ކުރިޔަށްގެންދާ މި ހަރަކާތުގައި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00އާ ހަމަޔަށް ކަމަށެވެ.

އެ ތަކެތި ބަލައިގަންނަނީ މއ. ފައްސެރި ގައެވެ. އެ ގެ ހުންނަނީ އަމީނީމަގު މީރާ ބިލްޑިން ކުރިމަތީގައެވެ. ތަކެތި ބަލައިގަތުގެ ކަންކަން ކުރިޔަށްގެންދަނީވެސް މީގާތު ގްރޫޕުގެ އިސްވެރިންނެވެ.

3 ޑިސެމްބަރު 2025: މީގާތް ގްރޫޕުން ލަންކާ ރައްޔިތުންނަށް އެހީވުމަށް އެއްކުރާ ތަކެތި --- ފޮޓޯ/ މީގާތު ގްރޫޕް

"މިހާރުވެސް 300 ކިލޯގެ އެެއްޗެހި ލިބިފަ އެބަހުރި. މާދަމާއަށް ފޮނުވާލަން ބޭނުންވާތީ އެގޮތަށް ޓައިމް ފިކްސް ކޮށްފަ ހުންނާނި. އެކޮޅުން ހަވާލުވަނީ އެކޮޅުގައި ދިރިއުޅޭ ކުއްޖެއް. އައިޝަތު ޝިމްލާ. އެކޮޅުން. ކަމާބެހޭ އިދާރާއަށް ހަވާލުކުރާގޮތަށް ރާވާފަ ވާނީ." މީގާތު ޖަމިއްޔާގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު އާޒިމް 'ވަން'އަށް މިއަދު ވިދާޅުވިއެވެ.

ބަލައިގަންނަ ތަކެތި ލަންކާއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ މާދާގެ ވަގުތެއްގައި ކަމަށްވެސް މީގާތު ގްރޫޕުން ބުންޏެވެ.

ލަންކާއިން ތަކެއްޗާ ހަވާލުވަނީ ލަންކާގެ ޖަމިއްޔާއަކުން ނަގާފައި އޮތް ކޮމިޓީއަކުން ކަމަށާއި އެ މަސައްކަތުގައި މީގާތު ގްރޫޕުން މަސައްކަތް ކޮށްދެނީ ހިލޭ ސާބަހަށް ކަމަށް އެ ގްރޫޕުން ބުންޏެވެ.

"ދިވެހިންގެ ވަރަށް ބޮޑަށް ސަޕޯޓު ލިބިއްޖެ. އަޅުގަނޑުމެންނަށް މި ކަހަލަ ކަމެއް ދިމާވެއްޖެއްޔާ ދިވެހިން މިތިބީ ތައްޔާރަށްކަން އަޅުގަނޑަށް ފާހަގަވީ. ވަރަށް އުފާވޭ. ހުރިހާ ބޭފުޅުންވެސް ދެކެނީ ވަރަށް ޕޮސިޓިވްކޮށް. އެހީތެރިވުމުގަ." އާޒިމް ވިދާޅުވިއެވެ.

އެތަކެތި ލަންކާއަށް ގެންދަން ދެ އެއާލައިނަކާ ވާހަކަދައްކަމުން އަންނަ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. ނަމަވެސް އަދި މުޅިން ޔަގީން ނުވާތީ ވަކި އެއާލައިނެއް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

"ޓާގެޓަކީ 2000 ކިލޯ ހަމަކުރުން. އިންޝާﷲ މާދަމާރެޔަށް ފޯރާނެ ކަމަށް މިބަލަނީ." އެމްޑީ އަހުމަދު އާޒިމް ވިދާޅުވިއެވެ.

ލަންކާއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ވާރޭވެހި ފެންބޮޑުވެފައި. --

އިސްލާމީ އަދަބުތަކުން ދިވެހިން ޒީނަތްތެރިވެފައި ވުމަކީ މަތިވެރި ނިއުމަތެކެވެ. ލަންކާއަކީ ދިވެހީންގެ އެންމެ ގާތް އެއް ގައުމެވެ. ދިވެހީންގެ އަވަށެއް ފަދަ ގައުމެކެވެ. އެތައް ހާސް ދިވެހީން ދިރިއުޅޭ ގައުމެކެވެ. ލަންކާ ރައްޔިތުންނަށް ޓަކައި ދިވެހީން މި ދައްކައިދިނީ ދިވެހީންގެ ނަމޫނާއެވެ. މިއީ އަބަދުވެސް ދިވެހީންގެ ހުންނަ ހިތްހެޔޮ ސިފައެވެ. އެހީތެރިކަން ޖެހޭ ފަރާތްތަކަށް އެހީވުމުގައި އިސްވެ މަސައްކަތްކޮށްދިނުމުން ޔަގީންވަނީ ދިވެހީންގެ ފުރިހަމަ އަޚުލާގެވެ.