މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅަން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި، މިސްކިތްތަކަށް ގެއްލުންދިނުން އާއްމު ވެ، އެފަދަ އަމަލުތައް ތަކުރާރުވަމުންދިއުން ކަމަށެވެ. އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކެއްކަމަށްވާއިރު، މިސްކިތުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާއިރު، އެ ފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިއްމު ކަމެއްކަމަށްވެސް އެ މެންބަރު ވިދާޅުވެފައިވެއެވެ.

މިބިލުގައި އިސްލާހު ހުށަހަޅާފައިވަނީ، ގާނޫނުގައި "ޓެރަރިޒަމް" ގެ އަމަލުތައް ބަޔާންކޮށްފައިވާ ހަތަރުވަނަ މާއްދާގެ (ށ) ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.

ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ އަމަލުތައް:

  • މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛
  • ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛
  • ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛
  • މުދަލަށް ބޮޑެތި ގެއްލުން ދިނުން؛
  • ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛
  • އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން؛
  • މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން.

މި މާއްދާއަށް އިތުރު ކުރަން މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ، މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަަމަށް އިތުރު ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.