ރައްޔިތުންނަށް ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް އިއްޔެ ފެށި "ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ ތެރެއިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރައްޔިތުން އުންމީދު ކުރަނީ ނަތީޖާ ކަމަށާއި ނަތީޖާ ނުދެއްކޭ ނަމަ ފުލުހުންގެ ހިދުމަތުގައި އަބަދުމެ ނުތިބެވޭނެ ކަން ފުލުހުންނަށް ވާނީ އަންގައިފައި ކަމަށެވެ.

"ރީޓްރެއިން ވާން ނަސޭހަތް ދީ، ފުރުސަތު ދީފައި، އެކަމަކު މިތާނގެ ތެރޭގައި އަބަދުމެ ނޮންޕާފޯމް މީހެއްގެ ގޮތުގައި ނުއެއް ހުރެވޭނެ. ރައްުޔިތުން އެބަ އެކްސްޕެކްޓް ކުރޭ ނަތީޖާ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނަތީޖާ ދެއްކުމަށް ތަހުގީގުތައް އަވަސް ކުރުމާއި މަގުމަތިން ގިނައިން ފުލުހުން ފެނުމާއި މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީވުން ރަނގަޅު ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފުލުހުންގެ ކަންކަން ހަރުދަނާ ކުރުން ތަންފީޒު ކުރޭތޯ ބަލާނެ ގޮތްތަކެއްވެސް ކޮންފަރެެންސްގެ ތެރެއިން ކަނޑައަޅާނެ ކަމަށެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ބައިވެރިވަނީ ތަހުގީގުކުރާ ފުލުހުންނާއި ކޮމާންޑަރުންނެވެ. އެގޮތުން އެ ދާއިރާތަކުގެ 170 ފުލުހަކު ކޮންފަރެންސްގައި ބައިވެރިވެ އެވެ.