އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ފުލަމް ވާދަކުރި ފޯރިގަދަ މެޗު، ސިޓީން ކާމިޔާބު ކޮށްފިއެވެ.

ސިޓީން ރަށުން ބޭރުގައި ރޭ ފުލަމް ކައިރިން މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. އެ އުނދަގޫ މޮޅުގައި އާލިން ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި 100 ވަނަ ގޯލް ހަމަކޮށްފައެވެ.

ކުޅުނު 111 މެޗުން 100 ހަމަކޮށް، ހާލަންޑް ވެފައި ވަނީ ޕްރިމިއާ ލީގު ތާރީހުގައިވެސް އެންމެ އަވަހަށް އެ ޝަރަފު ހޯދި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ޕްރިމިއާ ލީގުގެ ރެކޯޑު ގޯލް ޖެހުންތެރިޔާ އެލެން ޝިއެރާ އަތުގައެވެ. ޝިއެރާ 100 ގޯލް ހަމަކުރީ ހާލަންޑަށްވުރެ 13 މެޗު އިތުރަށް ކުޅެގެންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ސިޓީން ކޮންޓްރޯލް ހޯދައި، ހާފުގެ ފަހުކޮޅާ ހަމައަށް ކޮންޓްރޯލް ކުރި ނަމަވެސް، ދެވަނަ ހާފުގައި މަންޒަރު ބަދަލުވެގެން ދިޔައެވެ.

ހާލަންޑްގެ ގޯލުން 17 ވަނަ މިނެޓުގައި ލީޑު ނަގައި، ސިޓީން ވަނީ 37 ވަނަ މިނެޓުގައި ލީޑު ފުޅާވެސް ކޮށްފައެވެ. އެ ގޯލް ޖަހައިދިނީ ޓިޖާނީ ރެއިންޑާސްއެވެ. އެއީ ހާލަންްޑް ދިން ޕާހެއްގައި އޭނާ ޖެހި ގޯލެކެވެ.

ހާފު ނިމުމުގެ ކުރިން ފިލް ފޮޑެންގެ ގޯލެއް ފެނިގެން ދިޔަ އިރު، ތިންވަނަ ގޯލަކާއެކު ސިޓީ ހަމަޖެހިލި ނަމަވެސް، ހާފުގެ ފަހު ސިކުންތުކޮޅުގައި ފުލަމްއިންވެސް ގޯލެއް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ އެމޯލް ސްމިތު ރޯވްއެވެ.

މިދިޔަ ހަފުތާގައިވެސް ސިޓީން ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެ ގޯލްގެ ލީޑެއްގައި އޮއްވާ، 2-2 އިން މެޗު އެއްވަރުވި އިރު، އެމެޗުންވެސް މޮޅުވީ ފަހުވަގުތުއެވެ. ރޭގެ މެޗުވެސް ސިޓީއާ ޕްރެޝަރާ ކުރިމަތިވި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ފޮޑެން ވަނީ ސިޓީގެ ލީޑު ފުޅާ ކޮށްދީފައެވެ.

އޭގެ އިރުކޮޅެއްފަހުން ޖެރެމީ ޑޮކޫ ފޮނުވާލި ބޯޅައެއް ސޭންޑާ ބާގް ގައިގައި ޖެހި ގޯލަށް ވަން އިރު، ސިޓީ އޮތީ 5-1 ގެ ލީޑެއްގައެވެ.

އެހެން އޮއްވާ ފުލަމްއިން ވަނީ ގޯލްތަކެއް ޖަހައި ސިޓީ ހާސްކޮށްލައިފައެވެ. ފުލަމްގެ ގޯލްތައް ޖެހީ އެލެކްސް އިވޯބީއާއި ބަދަލަކަށް ނުކުތް ސެމިއުލް ޗުކުވޭޒީއެވެ، ޗުކުވޭޒީ ވަނީ ދެ ގޯލް ޖަހައިދީފައެވެ.