މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން އެ ސިޓީން ފެނުގެ ހިދުމަތް ކަނޑާލަން ޖެހުމުގެ ސަބަބުން އެ މަހުގެ ފެނަށް ބިލު ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމު ތައައްޔަރުވުމުގެ ސަބަބުން، އެ ނިޒާމު ސާފުކުރުމުގެ ގޮތުން އެ ރަށުގެ ފެނުގެ ހިދުމަތް މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ވަނީ މެދުކަނޑާލައިފައެވެ. ފުވައްމުލަކު ފެނަކަ ބްރާންޗުން މިހާރު ވަނީ އެ މައްސަަލަ ހައްލުކޮށް ފެން ދޫކުރަން ފަށައިފައިވަނީ އެ މަހުގެ 15 ވަނަ ދުވަހުގައެވެ.
ފެން ދޫކުރަން ފެށި ނަމަވެސް ފެން ނުސާފުވުމުގެ ޝަކުވާތައް ހުރުމުން އެ ފެން ބޭނުން ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެފަހުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ވަނީ ބޭނުންކުރަން ފަށައިފައެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފާއިތުވި ދުވަސްތަކުގައި ފުވައްމުލަކުގެ ފެނުގެ ނެޓްވޯކުގެ މަސައްކަތްތަކެއް ކުރަމުންދިޔަ އިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި، ފެނުގެ ޕްރެޝަރު ދަށްވުން ފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށެވެ.
"މި ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލްނުކުރާ ގޮތަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ..،" ފެނަކައިން ބުންޏެވެ.
ފުވައްމުލަކުގެ ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގެ ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމަށް ފެނަކައިން ބުންޏެވެ.
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ