ހެންވޭރު ދަނޑުގައި އިއްޔެ ފެށި އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގުގެ ފުރަތަމަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

އިއްޔެގެ މެޗުގައި ވިކްޓްރީން ޓީސީ ބަލިކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

މިފަހަރު އެފްއޭއެމްއިން އަންހެން ފުޓުބޯޅަ ލީގެއް ފަށާފައި ވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. މީގެ ކުރިން 2014 ވަނަ އަހަރަށްފަހު ރާއްޖޭގައި ރަސްމީ ސިފައެއްގައި އަންހެން ފުޓުބޯޅަ މުބާރާތެއް ބޭއްވިގެން ގޮސްފައެއް ނުވެއެވެ.

އެ މެދުކެނޑުމަށްފަހު އިއްޔެ ހެންވޭރު ދަނޑުގައި އަންހެން ފުޓުބޯޅަ ލީގު ފެށީ ހަ ޓީމާއެކުގައެވެ. އެއީ އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް ވިކްޓްރީން ވަނީ ތިން ގޯލްގެ ލީޑެއް ނަގައިފައެވެ. އެގޮތުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރުސްޓުލައެވާ ރަމެޝޮވްނާ ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ ފާތުމަތު ސައިނާއެވެ.

ދެވަނަ ހާފުގައި ވިކްޓްރީން އިތުރު ތިން ގޯލް ޖެހި އިރު، އޭގެ ތެރެއިން ދެ ގޯލް ޖެހީވެސް މޮޅަށް ކުޅުނު ރަމެޝޮވްނާއެވެ. އޭނާ މެޗުގައި ހަތަރު ގޯލް ޖެހި އިރު، ދެން އެޓީމުގެ އަނެއް ގޯލް ޖެހީ ސަފީނާ ރުޝަނިޔާއެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.