ބަރުދަން ލުއިކުރާ އޮޕަރޭޝަން 'ބެރިއަޓްރިކް ސާޖަރީ' އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައިފަށައިފި އެވެ.

މިކަން އާންމުކުރެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

ހަލީމް ވިދާޅުވީ ބެރިއަޓްރިކް ސާޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް، އާދަޔާ ހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަން ތަކެއް ކަމަށެވެ.

"މި އޮޕެރޭޝަންތަކުން ހާސިލުވާ ފައިދާތަކުގެ ތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ ބަލިމީހާގެ ހަޔާތަށް އުފާވެރި ކަމާއި ހިތްހަމަޖެހުން އަލުން ގެނުވައިދިނުން ހިމެނޭ. މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނޭ." ހަލީމް ވިދާޅުވިއެވެ.

2 ޑިސެންބަރު 2025: 'ބެރިއަޓްރިކް ސާޖަރީ' އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައިފެށުން --- ފޮޓޯ/ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ، އެ އޮޕެރޭޝަންގެ ހިދުމަތް ގާއިމުވެގެން ދިއުމަކީ އެ ބަލިތަކަށް ޒަމާންތަކެއްވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަން ޔަގީން ކަމަށް ހަލީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ހަލީމް ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް އެފަދަ މުހިންމު ހިދުމަތެއް ފެށުމަށް ސާޖަރީ ޑިޕާޓްމަންޓުގެ ޓީމުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާއިރު އެ މަސައްކަތް ކާމިޔާބު ވަނީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާ އެކުގައި ކަމަށެވެ.

"އޭގެ ތެރޭގައި މި ހޮސްޕިޓަލުގެ ސާޖަނުންނާއި، އެފަރާތްތަކާ އެކު މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުން ފާހަގަކުރެވޭ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސާޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކޮށް މަރުހަބާ ދަންނަވަން." ހަލީމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަވާ ހަރުދަނާ އަދި ތަރައްގީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީހެއްގައި އެ ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތައްކަން ޔަގީން ކަމަށާއި އެފަދަ އާ ހިދުމަތްތައް ތައާރަފުކޮށް، ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.