"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު 2" ގެ ނަމުގައި ބާޒާރު މަތީގައި އާ ފިހާރައެއް ހުޅުވައިފިއެވެ.

އަސާސީ ކާބޯތަކެތީގެ ބާވަތްތައް ލިބޭނެ މަގު އިތުރަށް ފުޅާކުރުމަށްޓަކައި އެ ފިހާރަ ހުޅުވީ މިއަދުއެވެ. އެ ފިހާރަ ހުންނަނީ ކުރީގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް (މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) ގައެވެ.

އެސްޓީއޯއިން ބުނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގެއްގައި އާންމު ރައްޔިތުންނަށް ލިބެން ހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެންދިޔަ 23 ބާވަތް، މިދިޔަ އޮކްޓޯޞަރު މަހުގެ 15 އިން ފެށިގެން ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާނެ ކަމަށެވެ.

އެ ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ގާއިމުކުރެވިފައިވާ ދެ ފިހާރަ ކަމުގައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އައީ މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.

1 ޑިސެމްބަރު 2025، "އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު 2" ގެ ނަމުގައި ބާޒާރު މަތީގައި އާ ފިހާރައެއް ހުޅުވުން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން ބުނީ "އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު 2" ފިހާރަ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް އެ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އެ ފިހާރަ ހުޅުވިގެން ދިއުމާއެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށާއި އެގޮތުން އެ ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތައް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަން ލިބި، މަސައްކަތް އިތުރަށް ކުރިއަށްގެންދިއުމަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެ ކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން، މާލޭ ސަރަހައްދުގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެއާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު އެސްޓިއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.