ރާއްޖޭގައި މިވަގުތު އެޗްއައިވީ ބައްޔަށް ފަރުވާ ހޯދަމުންދާ 36 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އެޗްއައިވީ ބަލީގެ ދުވަހު އެޗްޕީއޭއިން ވަނީ ބައްޔާބެހޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެއިން ދައްކާ ގޮތުގައި މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެ ތެރެއިން 16 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާ އިރު، މިވަގުތު 36 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެ ބައްޔަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެއް ކަމަށާއި 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް އެ ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި އަހަރުގެ އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޝިއާރަކީ "ސިއްހަތު ކުރިއެރުވުމާއި އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމަށް ޒުވާނުން ހަރަކާތްތެރިވުން" އެވެ. މި ޝިއާރުގެ މަގުސަދަކީ އެޗްއައިވީ އިން ރައްކާތެރިވުމަށްޓަކައި ކުރެވޭ މަސައްކަތުގައި ޒުވާނުން ބާރުވެރިކުރުމެވެ. އަދި މީގެ އިތުރުން މީސްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އެޗްއައިވީއާ ގުޅޭ މައުލޫމާތު ފޯރުކުރުމެވެ.

އެޗްއައިވީއާ ބެހޭގޮތުން އެނގެންޖެހޭ ބައެއް މައުލޫމާތު

  • އެއީ ރައްކާތެރިވެވޭ ބައްޔެއް
  • އެ ބައްޔަށް ފަރުވާ ލިބެން ހުރޭ، ރާއްޖޭގައި އެ ބައްޔަށް ހިލޭ ފަރުވާކުރެވޭ
  • އެއީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ނޫން
  • ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ގަވާއިދުން ލިބިގަނެގެން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވޭ
  • ބަލައިބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމުގައި ވިޔަސް، އޭނާއަށް އެޗްއައިވީ ޖެހިފައި ހުރެދާނެ

ބަލި ފެތުރޭ ގޮތްތައް

  • ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗްއައިވީ ޖެހުމުގެ ފުރުސަތު އޮވޭ
  • ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ އިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑުވޭ
  • އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެ
  • އެޗްއައިވީ ވައިރަސް ހުރި ލެޔަށް ހުށަހެޅިގެން
  • ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުން ވަރަށް މުހިންމު އަދި މީގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލުވުން ހުއްޓުވޭނެ
  • ކާކުކަން ނޭނގޭގޮތަށް ވެސް ޓެސްޓުކުރެވޭ، އަދި ނަތީޖާއެއްވެސް ފަރާތަކަށް ހާމައެއް ނުކުރެވޭނެ ޓެސްޓްކޮށް، ބަލި ނެތްކަން އަމިއްލައަށް ޔަގީންކަން ހޯދުން މުހިންމު

ބަލި ނުފެތުރޭ ގޮތްތައް

  • އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާހާނާއެއް ބޭނުން ކުރުމުން ނުވަތަ އެއް މާހަލެއްގައި ދިރިއުޅުމަކުން އެ ބައްޔެއް ނުފެތުރޭ
  • ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން ބައްޔެއް ނުފެތުރޭ
  • އެޗްއައިވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން ބައްޔެއް ނުފެތުރޭ
  • މަދިރި ހެފުން ފަދަ ކަންކަމަކުން ބައްޔެއް ނުފެތުރޭ
  • ލޭ ހަދިޔާކުރުން

ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ.