އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން މިއަހަރު 738 އިމާމުން ތަމްރީންކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވާއިރު، މާލެ ސަރަހައްދުގެ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް މިހާރު ނިމިފައިވާ ކަމަށެވެ.
"މިއަހަރުގެ ތެރޭގައި ޖުމުލަ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގާފައި ވާނެ. އަންނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިސްރަށް ފޮނުވޭނެ." ޝަހީމް ވިދާޅުވިއެވެ.
އެ ތަމްރީނުތަކުގައި އަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ދިއުމުގެ ފުރުސަތުވެސް އިމާމުންނަށް ފަހިކޮށްދެވޭނެ ކަމަށާއި މިދިޔަ އަހަރު ވެސް ސައުދީ، ބުރޫނާއީ، އިންޑޮނޭޝިޔާ، މެލޭޝިޔާއިން ޖުމުލަ 100 އަށްވުރެ ގިނަ ފުރުސަތުގައި އިމާމުން ބޭރަށް ފޮނުވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 9 މާއްދާއެއް ހިމަނައިގެންނެވެ. އެގޮތުން ގުރްއާނާއި ތަޖުވީދު، ތަފްސީރު، ފިގުހު، ހަދީސްގެ އިތުރުން އަގީދާގެ އިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން އުނގަންނައިދެއެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު