ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯންގެ ވަގުތު އިތުރުކޮށްފިއެވެ.

އެ ޓެލެތޯނަކީ ބާރުގަދަ ތޫފާނެއް ކަމުގައިވާ "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާ އެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެގައުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނެކެވެ.

އެ ޓެލެތޯން ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައިވަނީ މިއަދު ހެނދުނު 9:00 އިން މިރޭ މެންދަމު 1:00 އާ ހަމައަށެވެ.

ޕީއެސްއެމުން މިރޭ ބުނީ ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާ މެންދުރު 2:00 އާ ހަމައަށް ޓެލެތޯން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޓެލެތޯންގެ ފަންޑަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް އަދި ގިނަ އަދަދެއްގެ އާންމުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޓެލެތޯންގެ ފަންޑަށް މިހާތަނަށް ވަނީ 3.2 މިލިއަން ރުފިޔާ އާއި 38،500 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.

ޓެލެތޯނަށް އެހީވުމަށް

  • ބީއެމްއެލް ޓްރާސްފާ ނަމްބަރު (ރުފިޔާ) 7730000796107
  • ބީއެމްއެލް ޓްރާސްފާ ނަމްބަރު (ޑޮލަރު) 7730000796106