ތޫފާން "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ދިވެހި ތިން އާއިލާއެއް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.

އެ ތޫފާނާ ގުޅިގެން ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާއެކު އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު، މިރޭ "ވަން"އަށް ވިދާޅުވީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ދިވެހި ތިން އާއިލާއެއް ހޮޓެލްތަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެ ތޫފާނާ ގުޅިގެން އިއްޔެ ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހީން ސަމާލުވާން، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ސަމާލުވުމަށް އިރުޝާދުދީފައިވާ ކަންކަން:

  • އަސާސީ ނޫން ދަތުރުތައް، ހާއްސަކޮށް ފެންބޮޑުވާ ސަރަހައްދުތަކަށް ދިއުން ހުއްޓާލުން
  • ބޯކޮށް ވާރޭ ވެހި، ވައި ގަދަވާ ވަގުތުތަކުގައި ގޭތެރޭގައި ތިބުން
  • މޫސުމާބެހޭ އިދާރާތަކުން ދޫކުރާ މައުލޫމާތުތަކަށް ސަމާލުކަން ދިނުން
  • ފެނާއި ބޭސް ފަދަ ތަކެތި ހޯދައި، މޮބައިލް ފޯނު ޗާޖުކޮށްފައި ބެހެއްޓުން
  • ޕާސްޕޯޓާއި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފަސޭހައިން ލިބޭނެ ގޮތަށް ބެހެއްޓުން
  • ފެންގަނޑު މަތިވުމުގެ ސަބަބުން ކޯރުތަކާއި، ކުޅިތަކާއި، ގޮނޑުދޮށް އަދި ބޭރުގެ ސަރަހައްދުތަކާ ކައިރީގައި ދިރިއުޅޭ މީހުން ސަމާލުކަން ދިނުން
  • ތިރި ހިސާބުތަކުގައި ނުވަތަ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ ނަމަ، ރައްކާތެރި ތަންތަނަށް ބަދަލުވުމަށް

އެމްބަސީން ބުނީ އެހީތެރިކަން ބޭނުން ނަމަ، ހޮޓްލައިން ނަމްބަރު 6666 881 76 94+ އަށް ގުޅުމަށް ނުވަތަ [email protected] އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. ލަންކާގައި ދިރިއުޅޭ ދިވެހީންގެ ހާލަތު އެމްބަސީން ބަލަމުންދާނެ ކަމަށާއި އަދި ބޭނުންވާ ހާލަތްތަކުގައި އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް އެމްބަސީން ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ތޫފާނުގައި މިހާތަނަށް 330 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.